މެންޗަސްޓަރ ސިޓީގެ ފޯވަރޑް ސާޖިއޯ އަގުއޭރޯއަށް ރޭގެ ޕްރިމިއަރލީގު މެޗުގައި އަނިޔާވުމުގެ ސަބަބުން އަންހަފްތާގެ ޗެމްޕިއަންސްލީގު މެޗުގައި ރޯމާއާއި ދެކޮޅަށް ނުކުޅެވޭނެކަމަށް އެޓީމުގެ ކޯޗު ޕެލެގްރީނީ ބުނެފިއެވެ.
ރޭ އިނގެރޭސި ޕްރިމިއަރލީގުގައި މެންޗަސްޓަރ ސިޓީއިން އެވަރޓަންއާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވިއުރު އަގުއޭރޯވަނީ އަނިޔާގެ ސަބަބުން މެޗު ފެށިގެން މާގިނައިރެއްނުވެ ބަދަލުކޮށްފައެވެ.
ސިޓީއިން ހާމަކުރި ގޮތުގައި އަގުއޭރޯއަށް ދިމާވެފައިވަނީ ކަކުލުގެ ލިގަމެންޓްގެ އަނިޔާއެކެވެ. އަދި 2 ދުވަސް 3 ދުވަސް ތެރޭގައި މިފަދަ އަނިޔާތަށް ރަނގަޅު ކުރުމަކީ ނާދިރުކަމެއް ކަމުގައިވެސް ސިޓީގެ ކޯޗު ޕެލެގްރީނީ ބުނެފައިވެއެވެ.
އަންނަ ހަފްތާގެ ތެރޭގައި ސިޓީއިން ޗެމްޕިއަންސް ލީގުގައި ރޯމާއާއި ދެކޮޅަށް ނިކުންނަ މެޗަކީ ސިޓީއަށް ނޮކްއައުޓް ސްޓޭޖަށް ކޮލިފައިވުމަށް މޮޅުވުން މަޖުބޫރު މެޗެކެވެ. “ އަގުއޭރޯއަށް މެޗުގައި ނުކުޅެވޭނެ، އެއީ ޓީމަށް ދިމާވާނެ ވަރަށް ބޮޑު މައްސަލައެއް“ ޕެލެގްރީނީ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުންޏެވެ.
ސިޓީއިންވަނީ ރޭގެ މެޗުން ޔާޔާ ޓޯރޭގެ ޕެނެލްޓީން މޮޅުވެ ޕޮއިންޓް ތާވަލުގު އެއްވަނައުގައިވާ ޗެލްސީއާއި ފަރަގު ކުޑަކޮށްފައެވެ.