މައްސަލަތަކާއެކު ވެސް އަހަރެމެންނާއެކު އުފާވެރިކަންވޭ!

އުފާވެރިކަމުގެ އިހުސާސް ކުރެވޭ މިންވަރު އެކަކު އަނެކަކާއި ތަފާތު ވެއެވެ.

އެއްބަޔަކު ދެކޭ ގޮތުގައި ގިނަ ފައިސާ ލިބުމުން  އުފާވެރިކަން ލިބޭ މިންވަރު އިތުރުވާއިރު އަނެއްބަޔަކު ދެކޭ ގޮތުގައި  އުފާވެރިކަން އިޙްސާސް ކުރެވެނީ މަތީ މަޤާމު ލިބިގެންނެވެ.

އުފާވެރިކަމާއި އަމިއްލަ ހިތްހަމަޖެހުން ބޭނުންވާނަމަ އަމިއްލަ ނަފްސާ މެދު ހިތްހަމަޖެހި، އެކި ކަންކަމުގައި އެހެން މީހުންނާއި އަޅާ ނުކިޔާށެވެ.

ބައެއް ފަހަރު ތިމާއާއި އެހެން މީހުނާއި އަޅާ ކިޔުން ހުއްޓާލުމަކީ އުނދަގޫ ކަމަކަށް ވިޔަސް، ދިރިއުޅުމުގައި ހުރި ރަނގަޅު ކަންކަމަށް ސަމާލުކަން ދިނުމަކީ އެހެން މީހުން ކުރާ ކަންކަމަށް ސަމާލުކަންދީ، އަމިއްލަ ނަފްސާ އެހެންމީހުނާއި އަޅާ ކިޔުން މަދުކުރެވޭނެ ކަމެކެވެ.

މިގޮތަށް މިކަންކަން ކުރެވިއްޖެނަމަ ތިމާގެ އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަޖެހުމާއި ފުދުންތެރިކަމާއި އުފާވެރިކަމުގެ އިޙްސާސް އިތުރުކޮށްދޭނެއެވެ.

ތިމާގެ ޒާތީ ކަންކަމާއި މެދު މީހުންގެ ފަރާތުން އަންނަ ޚިޔާލާއި ކޮމެންޓްތަކަށް ސަމާލުކަން ދިނުމުން ހިތްހަމަނުޖެހުން އުފެދެއެވެ. އެހެންކަމުން މައްސަލަތައް އިތުރަށް ގޯސްވެގެންދާތީ އެހެން މީހުންގެ ވާހަކަތަކާއި ޚިޔާލުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭށެވެ.

އެކަށީގެންވާ ނިދި ހޯދުމަށް އަބަދުވެސް ސަމާލުކަން ދޭށެވެ. މިކަމުގެ ސަބަބުން ތިމާގެ ނަފްސާނީ ހާލަތުގެ ހަމަޖެހުން އިތުރުވެ، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން އިތުރުވެގެންދެއެވެ.

މީގެ އިތުރުން ޢާއިލާއާއި ގުޅުން ބަދަހިކުރުމާއި، ޢާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތައް ހޭދަކުރާއިރު، އޮންނަ ގުޅިލާމެހިފައިވާ ގުޅުންތަކުގެ ސަބަބުން މޫޑް ރަނގަޅުވެ، ނޭދެވޭ އިޙްސާސްތަކާއި ސްޓްރެސް ކުޑަކުރުމަށް އެހީތެރިވެދެއެވެ.

ހަމައެހެންމެ، ގިނަ ތަޖުރިބާތައް އެހެން މީހުންނާ ހިއްސާކޮށް، އެ ތަޖުރިބާތަކުން ފައިދާ ހޯދައި، މައްސަލަތަކުން ސަލާމަތްވި ގޮތާއި، އެކަމާ މެދު އަމަލުކުރި ގޮތާ މެދު ގާތް މީހުންނާއެކު މަޝްވަރާ ކުރެވިދާނެ އެވެ.

އުފާވެރިކަމުގެ ހޯމޯންތައް ކިޔާ އޮކްސިޓޮސިން އާއި އެންޑޯފިންސް ހަށިގަނޑުން ނެރެ، ޕާފޯމަންސް ލެވެލް މަތިކޮށްދެނީ، ހިނިތުންވުމާއި، އިޖުތިމާއީ ގުޅުމުގެ އަސާސްތައް އިތުރުވެ، މީހާގެ ތޮބީއަތު ރަނގަޅު ކުރުމަށް އެހީތެރިވެދޭތީ އެވެ.

ފުރިހަމަ މީހަކު ނުހުންނާނެއެވެ. އަދި އެއްވެސް އިންސާނަކީ ކުށްތަކުން އެއްކިބާވެފައިވާ އިންސާނެއް ނޫނެވެ. އެހެންކަމުން އަމިއްލަ ނަފްސު ކުށްވެރިކޮށް ވެނިމިފައިވާ ކަންކަމާއި މެދު ވިސްނައި ނުވަތަ ތިމާގެ ބާރެއް އެކަމުގައި ފޯރުވެން ނެތް ކަންކަމާއި މެދު ވިސްނާ އަމިއްލަ ނަފްސު ކުށްވެރި ކުރުން ހުއްޓާލާށެވެ.

އަދި އޭގެ ބަދަލުގައި ދިރިއުޅުމުގައިވާ އުފާވެރި ކަންކަމަށް ސަމާލުކަން ދިނުމަކީ މާ މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން މީހާއަށް ހިތްހަމަޖެހުމާއި ޔަޤީންކަން ލިބިގެންދެއެވެ.

އުފާވެރިކަން ބޭނުންނަމަ ފައިދާ ހުރި ކާނާ ކެއުމަކީ ވެސް މުހިންމު ކަމެކެވެ. ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ސިއްހަތަށް ނުރަނގަޅު ކާނާ ކެއުމުގެ ސަބަބުން ބަރުދަން އިތުރު ވުމާއި، ވަރުބަލިވުމާއި، ސިއްޙީ ގިނަ މައްސަލަ ތަކަކާ ކުރިމަތިލާން ޖެހެއެވެ.

އުފާވެރި މީހަކަށް އުފާވެރިކަން އިހްސާސްކުރެވެނީ ދިރިއުޅުމުގެ ކުދި ކުދި ކަންކަމުން ފެށިގެން އަދި އެންމެ އާދައިގެ ކަންތައް ތަކާއި ހަމައަށެވެ.

އުފަލުގައި އުޅެން ބޭނުންނަމަ އުފަލުގައި އުޅޭށެވެ. އުފާވެރިކަން ގެނެސްދޭ ބަޔަކީ އަހަރެމެންނެވެ. އުފާވެރިކަން އުފައްދައިދޭ ބަޔަކީ ވެސް އަހަރެމެންނެވެ. ދިރިއުޅުމުގެ ހުރިހާ މައްސަލަ ތަކަކާއެކު ވެސް އަހަރެމެންނާއެކު އުފާވެރިކަން ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *