ގދ. ތިނަދޫ ގެއެއްގައި ނިދާފައި އޮތް އަނެނެއްގެ މޭމަތީގައި އަލިފާން ރޯވެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެ ހާދިސާގައި މޭމަތީގައި އަލިފާން ރޯވެ، ޒަހަމް ވެފައިވަނީ އުމުރުން 23 އަހަރުގެ އަންހެނެކެވެ. އެ އަންހެން މީހާއަށް އެރަށު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 5:00 ހާއިރުއެވެ.
”ދުވަހަށް“ މައުލޫމާތު ދެއްވަމުން އެ އަންހެން މީހާގެ ބޭބެ ބުނީ އަލިފާނުގެ ހާދިސާގައި އެ އަންހެން މީހާއަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވިނަމަވެސް މޭ މައްޗާއި ބަނޑު ކޮންމެވެސް ވަރަކަށް ފިހިފައިވާކަމަށެވެ.
”އަސްލު ވީގޮތަކީ ދުންދަނޑި ރޯކޮށްފައިހުއްޓާ ފަންކާގެ ވަޔާއެކީ ޓިޝޫއެއް ދުންދަނޑީގައި ޖެހި ފުރަތަމަ ޓިޝޫގައި ރޯވީ ދެން އެ ޓިޝޫ ވެއްޓުނީ ގައިމައްޗަށް، އޭރު ކޮއްކޮ އޮތީ ޓައިލްސް މަތީގައި ގޮދަޑި އަޅައިގެން ނިދާފާ“ އެއަންހެން މީހާގެ ބޭބެ ބުންޏެވެ.
އަންހެން މީހާގެ އާއިލާއިން އެހެން ބުނި ނަމަވެސް އެރަށުތެރޭގައި ވާހަކަދައްކަނީ ތަފާތު ގޮތަކަށެވެ. އެރަށުން ”ދުވަހަށް“ މައުލޫމާތު ހިއްސާކުރި ދެމީހަކު ބުނީ އަލިފާނުގެ ހާދިސާ ހިނގީ އަންހެން މީހާ އިނދެގެން އުޅޭ ފިރިހެން މީހާ ސިނގިރޭޓެއް ރޯކޮށްގެ އެނދުގައި އޮއްވާ ނިދުމުން އަންހެން މީހާގެ ގައިމައްޗަށް ސިނގިރޭޓުބުރި ވެއްޓިގެން ކަމަށެވެ.