ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް

ކޮމިޓީން ފާސްކުރި ބަޖެޓަށް މަޖިލީހުގައި 19 އިސްލާހެއް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 24.3 ބިލިއަނ ރުފިޔަގެ ބަޖެޓު ދިރާސާ ކުރުމަށް ފަހު ނިންމި ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކޮމިޓީން ބަޖެޓު ފާސްކޮށްފައިވާ ގޮތަށް 19 އިސްލާހު ހުށަހަޅާފައި ވެއެވެ.  މި އިސްލާހުތައް ހުށަހެޅީ އެމްޑީޕީއާއި ޖޭޕީގެ ފަރާތުން ނެވެ.

މިއަދު މަޖިލީހަށް ހުށަހެޅި ގިނަ އިސްލާހު ތަކަކީ އެ ދެ ޕާޓީން ކޮމިޓީ މަރުހަލާގއި ހުށަހަޅާ ފާސް ނުވެފައިވާ އިސްލާހުތަކެކެވެ.

އެމްޑިޕީން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކާޑުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ބަދަލުކޮށް ޑިއުޓީ ނުނެގުމާއި އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބެމުންދާ ސަބްސިޑީ ނުހުއްޓޭނެ ގޮތަކަށް އެ މީހުން ވެސް ފަގީރުންގެ ލިސްޓްގައި ހިމަނައި ސަބްސިޑީ ދިނުން ހިމެނެ އެވެ. އަދި ތެލުން ޑިއުޓީ ނަގައިގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ބަޖެޓުން އުނިކުރުމަށް ވެސް އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން މަސްވެރިންނަށް ދޭ ސަބްސިޑީ އާއި ދަނޑުވެރިންގެ ސަބްސިޑީއާއި ދޭތެރޭ އަލުން ވިސްނުމަށްވަނީ ހުށަހަޅައިފަ އެވެ. އެ ގޮތުން މަސްވެރިންނަށް 100 މިލިއަން އަދި ދަނޑުވެރިންނަށް 75 މިލިއަން ރުފިޔާ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ.

ޖޭޕީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި މަސްވެރިންނާއި ދަނޑުވެރިންގެ ސަބްސިޑީއާ ގުޅޭ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ، އެގޮތުން މަސްވެރިންނަށް ދޭ ސަބްސިޑީ 50 މިލިއަން އަދި ދަނޑުވެރިންނަށް 40 މިލިއަން ރުފިޔާ ދިނުމަށް ޖުމްހޫރީ ޕާޓީން ވަނީ ހުށަހަޅައިފަ އެވެ. އަދި ކައުންސިލްތަކުގެ މަސައްކަތްތަކަށް ދަތިނުވާނެ ގޮތަށް ފިނޭންސުން ފައިސާ ފޯރުކޮށްދިނުމަށްއެދިފައިވެއެވެ.`.

މީގެ އިތުރުން މުސާރައިގެ ތަފާތުކުރުންތައް ނައްތާލުމަށް މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށް ފަހު އެކަމާ ގުޅޭ ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ގެނައުމަށް ވެސް ޖޭޕީން ހުށަހަޅާފައި ވެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ބަޖެޓުން ފަސް މިލިއަން ރުފިޔާ ކަނޑައެޅުމާއި އެހެން ޖަމިއްޔާތަކަށް 15 މިލިއަން ރުފިޔާ ކަނޑައެޅުމުގެ އިސްލާހެއް ވެސް ޖޭޕީން ވަނީ ހުށަހަޅައިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *