އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިއެސްއާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގާ އިރާގުގެ ބޯޑަރު ކައިރިއަށް އެމެރިކާއިން އިއްޔެ ދިން ވައިގެ ހަމަލާއެއްގައި އައިއެސްގެ އެންމެ އިސް ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީ އަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ގަބީލާއަކުން ބުނެފި އެވެ.
އިރާގުގެ ބޯޑަރު ކައިރީގައި އޮންނަ އަލް ގާއިމްގެ ގަބީލާއަކުން މި ހަބަރު އަލްއަބިޔާ ނިއުސް އަށް ދީފައިވާއިރު އެމެރިކާއިން ވަނީ އައިއެސްގެ އިސްވެރިން ތިބޭ ކޭމްޕަކަށް އަމާޒުކޮށް އިއްޔެގެ ވަގުތެއްގައި ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެ ހަމާލަތަކުގައި ބަގްދާދީ ޒަހަމްވި ކަމެއް ނުވަތަ ނޫންކަމެއް އެމެރިކާއިން ބުނެފައެއް ނުވެ އެވެ.
”އެ ހަމަލާއިން ދައްކުވައިދެނީ އަހަރުމެން އައިއެސް ހަނގުރާމަވެރިންނަށް ކުރާ ޕްރެޝަރު، މިވަގުތު އެމީހުންނަށް މާ ބޮޑު މިނިވަން ކަމެއް ނެތްކަން، ކޮމާންޑް ދިނުމާއި ކޮންޓްރޯލް ކުރުމުގެ ބާރު އައިއެސްގެ ކުޑަވަމުންދާ މަންޒަރު މި ފެންނަނީ“ އެމެރިކާއިން ނެރުނު ބަޔާނެއްގައި ވެއެވެ.
އިރާގުގެ އަންބާރު ޕްރޮވިންސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ މުހައްމަދު އަލް ކަރުބުލީ ބުނެފައިވަނީ އެމެރިކާއިން އިއްޔެ ދިން ވަރުގަދަ ވައިގެ ހަމަލާ އަމާޒުކޮށްފައިވަނީ އައިއެސްގެ އިސް ވެރިން ތިބޭ ސަރަހައްދަކަށް ކަމަށާއި އެ ހަމަލާގައި އައިއެސްގެ އެތައް ބަޔަކު ޒަހަމްވިކަން ކަށަވަރު ވާކަމަށެވެ.
މި ހަބަރާ ގުޅޭގޮތުން މަންޒަރު ދުއް ބަޔަކާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވަނީ އެމެރިކާގެ ވައިގެ ހަމަލާތައް އިއްޔެ އަމާޒުކުރީ އައިއެސްގެ އިސް ވެރިންގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް ކަމަށެވެ. އަދި އައިއެސްއިން މިހާރު އެ ސަރަހައްދުގެ ހޮސްޕިޓަލެއް ހުސްކޮށްގެން ބޭނުން ކުރަމުން އަންނަ ކަމަށާއި ލޭ ހޯދުމަށް ”އަޑުގަދަކުރާ“ ބޭނުންކޮށްގެން ގޮވަމުންދާކަމަށްވެސް މަންޒަރު ދުއް ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެ އެވެ.
ރޮއިޓާސްގައި އިތުރަށް ބުނެފައިވަނީ އައިއެސްއިން އަންބާރު ޕްރޮވިންސަށް ކަނޑައަޅާފައި ހުންނަ ލީޑަރު އެ ހަމަލާގައި މަރުވި ކަމަށް އެ ސަރަހައްދުގެ މީހުން ބުނާ ކަމަށެވެ.