އާންމުކޮށް އިންޑިއާގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރަން ބޭނުން ކުރާ އޮޓޯ ޑްރައިވަރުންނަކީ އާންމުންގެ ޝަކުވާ އަމާޒުވާ ބައެކެވެ.
ގިނަފަހަރު އޮޓޯގައި އޮންނަ އިރު ވާރޭ ހިޔާނުވާއިރު، އޮޓޯ ދުއްވާ ޑްރައިވަރުންގެ އުނދަގުލާއި ބޭނުންވާ ތަންތަނަށް ގެންގޮސްނުދިދުމާއި ނަގަންޖެހޭ އަގަށްވުރެ ބޮޑުކޮށް އަގުނެގުމަކީ އޮޓޯ ޑްރައިވަރުންނާއި މެދު އިންޑީއާ ރައްޔިތުންނާއި އެ ގައުމަށް އެކި ކަންކަމުގައި ގޮސްއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.
ނަމަވެސް އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޓަމިލް ނާޑޫގެ ވެރިރަށް ޗެންނާއީގައި އޮޓޯ ދުއްވާ ޑްރައިވަރަކު ދަނީ އެހެން ޑްރައިވަރުންނަށް ނަމޫނާ ދައްކާ، ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންނެވެ. އަންނާދުރާއީ ވަނީ އޭނާ ކާންބޯން ކުރާ މަސަކަތް ކަމުގައިވާ އޮޓޯ ދުއްވުމުގައި ބޭނުން ކުރާ އޮޓޯގައި ޒަމާނާއި އެއްގޮތަށް މިޒަމާނުގައި އާންމުންނަށް ބޭނުންވާނެ ހުރިހާ ހިދުމަތެއް ފޯރުކޮށްދެމުންނެވެ.
އަންނާދުރާއީ ދުއްވާ އޮޓޯއިން މޮބައިލް ފޯން ރީޗާޖް ކުރުމުގެ ހިދުމަތްދޭއިރު، ޓީވީއާއި ޓެބްލެޓާއި، އިންޓަނެޓްގެ ހިދުމަތުގެ އިތުރުން އެންމެ ފަހުގެ މެގަޒިންތަކާއި ނޫސްތައްކިޔާލުމުގެ ފުރުސަތު ލިބެ އެވެ. އަދި ފަސް ސުވާލެއްގެ ޖަވާބު ދީގެން ފައިސާގެ އިނާމު ލިބޭ ސުވާލު މުބާރާތެއްވެސް އޭނާ ކުރިޔަށްގެންދެ އެވެ.
މި އޮޓޯ ޑްރައިވަރަށް އިންޑިއާ ރައްޔިތުންގެ އިތުރުން ދުނިޔޭގެ 30 ގައުމެއްގެ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާއިރު މިހާރު އަންނަދުރާއީ އަކި ސޯޝަލް މީޑިއާގައިވެސް ވަރަށް މަގުބޫލު މީހެކެވެ. އޭނާ ބުނީ މި ހިދުމަތްތައް އޭނާގެ އޮޓޯއިން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ފެށީ ދުރާލާ ތައްޔާރުވެގެން ނޫންކަމަށާއި، ހިދުމަތްތައް ތައާރަފްކޮށްފައިވަނީ ފަހަރަކު ހިދުމަތުން ކަމަށެވެ.
އޮޓޯ ދުއްވާތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަންނާދުރާއި ބުނީ އޭނާއަށް އޮޓޯ ދުއްވައިގެން އެކަށީގެންވާ އާމްދަނީއެއް އަދިވެސް ނުލިބޭ ކަމަށާއި، އެހެން ނަމަވެސް އެހެން އޮޓޯ ޑްރައިވަރުންނާއި ހިލާފަށް އާންމުން ހިތްހަމަ ޖެހޭ ހިދުމަތްތަކެއް އޭނާގެ އޮޓޯއިން ފޯރުކޮށްދެވޭތީ އުފާ ކުރާކަމަށެވެ.
އޭނާގެ އޮޓޮއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މޮޅު ވާހަކަ މީގެ ކުރިން މީޑިއާގެ ސަމާލުކަމަށް އައިސްފައެއް ނުވެ އެވެ. އަންނާދުރާއި ބުނީ އޭނާގެ ވީޑިއޯއެއް ފޭސްބުކަށްލީ އޭނާގެ ރައްޓެއްސެއްކަމަށެވެ. އަދި ފަހުން ފަހަރަކު މީޑިއާއަކުން އޭނާގެ ވާހަކަ ގެނެސްދޭން ފަށާފައިވާ ކަމަށެވެ.