ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ ސްކީމެއް ”ދަރުމަވެރިވާށެވެ“ ނަމުގައި މިއަދު އިފްތިތާހް ކޮށްފި އެވެ.
މި ސްކީމް ރަސްމީކޮށް އިފްތިތާހް ކޮށްފައިވަނީ ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ޖަލްސާގައެވެ. ސްކީމް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ.
މި ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން މިއަދު ތައާރަފްކުރި ކާޑު ހިފައިގެން ދިއުމުން މި ސްކީމްގައި ބައިވެރިވާ ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް މި ސްކީމްގެ ފައުންޑާ އަހުމަދު ހިޝާން ހާމަކުރެއެވެ.
”އަޅުގަނޑުމެން މިކަމަށް ހާއްސަ ފޭސްބުކް ޕޭޖެއް އިންނާނެ، އެ ޕޭޖުން ފެންނަން ހުންނާނެ މި ސްކީމްގައި ބައިވެރިވެފައިވާ ފިހާރަތައް، އަދި އެ ފިހާރަތަކުގައިވެސް ސްޓިކާ ތަތްކުރެވިފައި ހުންނާނެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން ތައާރަފްކުރި ކާޑު ހިފައިގެން ދިއުމުން އެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެ“ ހިޝާން ވިދާޅުވިއެވެ.
ހިޝާން ވިދާޅުވީ މި ސްކީމްގައި މިހާތަނަށް 15 އަށްވުރެ ގިނަ ވިޔަފާރިއާއި 1 ރިސޯޓް ބައިވެރިވެފައިވާކަމަށެވެ. އަދި ބައެއް ވިޔަފާރިތަކުން 7% އާއި 50% އާއި ދެމެދު ޑިސްކައުންޓް ދޭން ނިންމާފައިވާކަމަށްވެސް ހިޝާން ވިދާޅުވިއެވެ.
މި ސްކީމް ތައާރަފް ކުރުމަށްފަހު ޖެންޑާ މިނިސްޓްރީން ވަނީ މި ސްކީމް ތައްޔާރު ކުރުމުގައި ހަރަކާތްތެރިވެފައިވާތީ އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކޮށްފައިވާ އަހުމަދު ހިޝާން އާއި ސަން އޮންލައިންގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު ސާއިލް އަލީ އާއި ދުވަސްއެމްވީގެ އެޑިޓަރު އަޒްމީ އަލީ އަށް ޝުކުރު އަދާ ކުރައްވާފައެވެ.