މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ހިޒް އެކްސެލަންސީ ސްރީ އަޖިތު ދޯވާލް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޤައުމީ ސަލަމަތާއި ގުޅޭގޮތުންނާއި ދެޤައުމު ހިއްސާ ކުރާ ރީޖަނަލް ސެކިއުރިޓީގެ ދާއިރާއިން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ސަލާމަތީގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންނާއި ދެ ޤައުމުގެ ދިފާޢީ ގުޅުން މިހާރަށް ވުރެ ހަރުދަނާ ކުރުމާގެޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިވާކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ހިޒް އެކްސެލަންސީ ސްރީ އަޖިތު ދޯވާލް އާއެކު ބޭއްވި ބައްދަލުވުމުގައި އިންޑިއާގެ ހައިކޮމިޝަނަރ ހިޒް އެކްސެލަންސީ ރަޖީވް ޝަހާރޭ އާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ ޖޮއިންޓް ސެކެޓްރީ ފަރްޒާނާ ޒާހިރު އާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް ގެ ޖޮއިންޓް ސެކެޓްރީ އެސްއެމްޓީ ސުޗިތްރާ ޑުރައި ބައިވެރިވެވަޑައިގެނެވި ކަމަށެވެ.