16 ވަނަ ގައުމީ ކެޑޭޓް ކޭމް ރޭ ގިރިފުށީގައި އިފްތިތާހް ކޮށްފި އެވެ.
ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މި ކޭމްޕް އިފްތިތާޙްކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރެވެ.
މިރަސްމިއްޔާތުގައި ކޭމްޕްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާ ސިފައިންނަށް ވަޢުދު ލައިދެއްވާފައިވާކަމަށާއި އިސްވެ ވަޢުދު ލައިދެއްވީ ކޭމްޕްގެ ކޮމާންޑާރ ކެޕްޓަން އަޙުމަދު ޝަފީޤް ކަމަށާއި މީގެ އިތުރުން ދަރިވަރުންނަށް ވަނީ އިޤުރާރު ލައިދެއްވާފައެވެ. ދަރިވަރުންނަށް އިޤުރާރުލައިދެއްވީ ޗީފް އިންސްޓްރަކްޓަރ ފަސްޓް ލެފްޓިނަންޓް މޫސާ ރަމީޒް ކަމަށ އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ މިއަދުން ފެށިގެން 11 ދުވަހުގެ މުއްދަތަށް ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ހިންގާ 16 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގައި މިފަހަރު 150 ކެޑޭޓުން ބައިވެރި ވާކަމަށާއި މިކޭމްޕްގައި މުދައްރިބުންގެ ގޮތުގައި އެމްއެންޑީއެފް ގެ 28 ސިފައިން ހަރަކާތްތެރި ވާ ކަމަށެވެ އަދި އެމްއެންސީސީގެ ފަރާތުން މުދައްރިބުންގެ ގޮތުގައި 8 ކެޑޭޓް މުދައްރިބުން ހަރަކާތްތެރިވާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޭމްޕަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ރާވާ އިންތިޒާމް ކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގައި ހިމެނޭ ސްކޫލްތަކުގެ ކެޑޭޓުންގެ ތެރެއިން ހޮވާލެވޭ ކެޑޭޓުންނާއި ބޭންޑް ކެޑޭޓުންނަށް އެމްއެންޑީއެފްގެ ފަރާތުން ހިންގާ 11 ދުވަހުގެ ކޭމްޕެކެވެ.
މިފަދަ ކޭމްޕެއް ހިންގުމުގެ މަޤްސަދުގެ ތެރޭގައި މިކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީވެސް މުޖްތަމަޢަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާއިއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލްކަން ހުރި، ޒިންމާދާރު ރައްޔިތަކަށް ހެދުމާއި، ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤަޢުމީ ރޫޙް އާލާކޮށް ދިރުވުމާއި، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތު ކޮށް، ބައްޓަން ކުރުމުގެ ފުރުޞަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފު ކޮށްދިނުމާއި ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.