ޖިހާދަށް ދިއުން އިތުރުވާތީ އެކަން ހުއްޓުވުމަށް ފްރާންސުން ގާނޫނެއް ފާސްކޮށްފި

ފްރާންސުން ސޫރިޔާ އަދި އިރާގަށް ޖިހާދަށްދާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެކަން ހުއްޓުވުމަށް ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ގާނޫނެއް ފާސްކޮށްފި އެވެ.

ޖިހާދަށް ދާން މީހަކު ރާވާނަމަ ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަން ފަޅާއަރައިފިނަމަ އެމީހެއްގެ ޕާސްޕޯޓާއި އައިޑީކާޑު ހަމަސް ދުވަހަށް ހިފެހެއްޓުމުގެ ބާރު ސަލާމަތީބާރުތަކަށް ލިބޭކަމަށް އެ ގާނޫނުގައި ބުނެފައި ވެއެވެ. އަދި އެފަދަ މީހެއްގެ ޕާސްޕޯޓް އަދި އައިޑީ ކާޑު 2 އަހަރުވަންދެން އާ ކޮށް ނުދިނުމުގެ ބާރުވެސް އެ ގާނޫނުން ކަމާ ބެހޭ ފަރާތްތަކަށް ދީފައި ވެ އެވެ.

މި ގާނޫނު އިއްޔެ ފާސްކޮށްފައިވާއިރު ގާނޫނު ހަދާ މަޖިލީހުގައި އެ ގާނޫނާ ދެކޮޅަށްވެސް ބައެއް މެމްބަރުންވަނީ ވޯޓު ދީފަ އެވެ. މި ގާނޫނާ ދެކޮޅުހަދާ ފަރާތްތަކުން ބުނެފައިވަނީ މި ގާނޫނުގެ ސަބަބުން އާންމު ފަރުދުންގެ މިނިވަންކަމަށް ބުރޫއަރާނެ ކަމަށެވެ.

ސޫރިޔާގައި މެދުކެނޑުމެއްނެތި ހަނގުރާމަކުރަމުން އަންނަތާ 4 އަހަރުވެފައިވާއިރު އައި އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނުކޮށްގެން އައިއެސް ޖަމާއަތުން ހަނގުރާމަކުރަމުން އަންނައިރު ހާހަކަށްވުރެ ގިނަ ފްރާންސް ރައްޔިތުން މިހާތަނަށް ޖިހާދަށް ގޮސްފައިވާކަމަށް ފްރާންސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އަދި އެ މީހުންގެ ތެރެއިން 40 އަށްވުރެ ގިނަ މީހުން ހަނގުރާމަަތަކުގައި މިހާރު މަރުވެފައިވާކަމަށްވެސް  ކަމާބެހޭ ފަރާތްތަކުން ހާމަކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *