ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް

ލޯނު ނަގަން މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް ފާސްކޮށްފި

ސަރުކާރުން ލޯނުތައް ނެގުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް މާލިއްޔަތު ގާނޫނަށް ބަދަލު ގެނެސްފި އެވެ.

ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވި ފާސްވީ ވޯޓުގައި ބައިވެރިވި 41 މެމްބަރުންގެ ވޯޓުންނެވެ. މި ބިލް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 25 މެމްބަރުން ވޯޓު ދެއްވި އެވެ.

މި ބިލް ފާސްވުމުން ލޯނު ނެގުމާއި ދައުލަތުގެ މުދާ ވިއްކުމާއި ދައުލަތުން ހާއްސަ އެހީތައް ދިނުމަށް ކަނޑައެޅުމުގެ ހުރިހާ ބާރެއް ވެސް ލިބިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. މިހާރު އަމަލުކުރަމުންދާ މާލިއްޔަތު ގާނޫނުގައިވާ ގޮތުން އެކަންކަން ކުރެވެނީ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެންނެވެ.

ގާނޫނަށް ބަދަލު ގެނައުމަށް މިއަދު ފާސްކުރި ބިލްގައި ބުނެފައިވާ ގޮތުގައި ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމަށް ބެހޭ ގޮތުން ކުރިއަށް ގެންދާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެ މަތިން ފިނޭންސް މިނިސްޓަރު ކަމަށެވެ. އަދި ދައުލަތަށް ނަގާ ލޯނުތަކާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނީ ލޯނު ނަގާތާ 90 ދުވަހުގެ ތެރޭގައި ކަމަށް ބިލްގައިވެ އެވެ.

އެ މުއްދަތު 45 ދުވަހަށް ކުޑަކުރަން މަތިވެރީ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ހުށަހެޅުއްވި ނަމަވެސް ޕީޕީއެމްގެ މެމްބަރުން އެގޮތަށް ތާއިދު ނުކުރެއްވުމުން އެ އިސްލާހު ފާހެއް ނުވި އެވެ. ސަރުކާރުން ލޯން ނެގުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ޖެހޭނެ ކަމަށްމީގެ ކުރިން 2010 ވަނަ އަހަރު ހުށަހެޅީ މިހާރު ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރުން ޑީއާރުޕީގައި ތިއްބެވި އިރު އެވެ.

ސަރުކާރުން ދޭ އެހީއާ ގުޅޭ ގޮތުން ގާނޫނުގެ 10 ވަނަ މާއްދާ އަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ އަނބުރާ ނުދައްކާ ގޮތަށް ހާއްސަ އެހީގެ ގޮތުގައި ދައުލަތުގެ ފައިސާ އިން މީހަކަށް ނުވަތަ ފަރާތަކަށް ފައިސާގެ އެހީ ވެވިދާނެ ކަމަށެވެ. އަދި އެ މައުލޫމާތު މަޖިލީހަށް ހުށަހަޅާކަށް ވެސް ނުޖެހެ އެވެ.

މާލިއްޔަތު ގާނޫނުގެ 34 ވަނަ މާއްދާގެ ށ.ގައި ބުނެފައި ވަނީ ބަޖެޓްގައި ހުއްދަކޮށްފައިވާ ފައިސާ ނޫން އެހެން ފައިސާއެއް، ހަރަދުކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އަދި ވަކި މާލީ އަހަރަކާ ގުޅޭ ގޮތުން ފާސްކޮށްފައިވާ ބަޖެޓަކުން ހުއްދަކޮށްފައިވާ ފައިސާ ނޫން އެހެން ފައިސާއެއް، ހަރަދުކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

މ. މާއްދާގެ ނ.ގައި ބުނެފައި ވަނީ ބަޖެޓް ފާސްކުރާ ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ރެކޮމެންޑޭޝަންތަކަށް ބަޖެޓް ތަންފީޒުކުރުމުގައި ސަރުކާރުން އަމަލުކުރުން ލާޒިމްވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *