ރައްޔިތުން މަޖިލީހުގެ ބަޖެޓް ދިރާސާކުރި ކޮމިޓީން މިހާރު ނިންމާފައި އޮތް ގޮތަށް ތާއީދުނުކުރަން ނިންމައި، އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.
މިހާރު ނިންމާފައި އޮތް ރިޕޯޓަށް ތާއީދުނުކުރަން ފާސްކުރީ ރޭ ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގައި 23 މެމްބަރުން ތިއްބަވާ އިރު ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެންމެ ނުވަ މެމްބަރުންނެވެ. އޭގެ ތެރެއިން އަށް މެންބަރަކު ވޯޓު ދެއްވީ ބަޖެޓަށް ތާއީދުނުކުރައްވާ ގޮތަށެވެ. އެއް މެންބަރަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފައި ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް 24.3 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރުމަށެވެ.
އެމްޑީޕީން ވަނީ ބަޖެޓު މަޖިލީހަށް އަލުން ހުށަހެޅުމުން ބަޖެޓަށް ބައެއް އިސްލާހު ހުށަހެޅުމަށް ނިންމާފައި އެވެ. އަދި އެ އިސްލާހުތައް ފާސްވެއްޖެ ނަމަ ބަޖެޓަށް އެމްޑީޕީން ވޯޓު ދޭނެ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
ބަޖެޓު މިހާރު އޮތް ގޮތަށް ވޯޓު ނުދޭން އެމްޑީޕީން ނިންާފައިވާއިރު، މި ފަހަކަށް އައިސް އެޕާޓީގެ ޕީޖީ ގްރޫޕުން ނިންމާ މިފަދަ ނިންމުންތަކަށް މެންބަރުން އިހުތިރާމް ނުކުރާކަން ފާހަގަ ކުރެވެ އެވެ.. އެގޮތުން އެންމެ ފަހުން އޮޑިޓާ ޖެނެރަލަށް ރުހުން ދިނުމަށް ނެގި ވޯޓުގައިވެސް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ޕާޓީގެ ވިސްނުމާ ދެކޮޅަށް ހަސަން ޒިޔަތަށް ރުހުން ދީފައި އެވެ.