އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު

އައިއެންއައިއޭ ތަރައްގީ ކުރުމުގެ ކޮންސަލްޓަންޓަކަށް ޗަންގީ އެއާޕޯޓު ހަމަޖައްސައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދިނުމަށް، ސިންގަޕޫރުގެ ޗަންގީ އެއާޕޯޓާއި ހަވާލުކޮށްފި އެވެ.

އައިއެންއައިއޭ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް އެވެ. ޗަންގީ އެއާޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ލިމް ލިއަންގ ލޮންގ އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތައް ފަހު ވާހަކަދައްކަވަމުން  ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ޓޫރިޒަމް ކުރިއަރުވަން ސަރުކާރުން ކުރާ ގިނަ މަސައްކަތްތަކުގެ ތެރޭގައި އެއާޕޯޓު ކުރިއަރުވާ ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދީބު ވިދާޅުވީ ރަނގަޅު ފެންވަރެއްގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގައި ފުރިހަމައަށް އެހީވުމުގެ ގާބިލުކަން ޗަންގީ އެއާޕޯޓަށް ލިބިގެންވާ ކަމަށެވެ.

”މި ސަރުކާރު ވަރަށް އިސްކަމެއް ދީގެން ކުރާ މަސައްކަތެއް އެއާޕޯޓު ތަރައްގީ ކުރުމަކީ. އެއީ މުޅި ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓެއް ވެސް ހިންގަނީ އައިއެންއައިއޭގެ ދަށުން. އަދި އެއާޕޯޓަކީ ފަތުރުވެރިން އައިސް ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ ވެސް މައި ދޮރާށި،“ އަދީބު ވިދާޅުވި އެވެ.

އައިއެންއައިއޭގެ އެމްޑީ ބަންދު އިބްރާހީމް ސަލީމް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން އަންނަ އަހަރު އެއާޕޯޓުގައި 3400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭއެއް މިހާރު އޮތް ރަންވޭގެ އިރުމައްޗަށް ވާގޮތަށް އަޅާނެ ކަމަށެވެ. އޭގެ އިތުރުން އަލަށް އަޅާ ޓާމިނަލް އިމާރާތާއި ކާގޯ ޓާމިނަލަކާއި ތެޔޮތާނގީ އާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ބަންދު ވިދާޅުވި އެވެ.

ޗަންގީ އެއާޕޯޓުގެ ސީއީއޯ ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެއާޕޯޓު ތަރައްގީކޮށް ކުރިއެރުވުމުގައި ގިނަ މަސައްކަތްތަކެއް އެ ކުންފުނީގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އެގޮތުން އަލަށް އަޅާ ރަންވޭ އާއި އެހެނިހެން މަސައްކަތް ތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުން ނުވަމަސް ދުވަހުގެ މުއްދަތަކަށް ދެމިގެންދާ އިރު އެ މުއްދަތުގައި ޗަންގި އެއާޕޯޓުން ފޯރުކޮށްދޭން ޖެހޭ ހުރިހާ އެހީއެއް ފޯރުކޮށްދޭނެ ކަމަށް ވެސް އައިއެންއައިއޭ އިން ބުންޏެވެ

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *