ރާއްޖޭގައި އެޗްއައިވީ ޖެހޭ މީހުންގެ އުމުރު ފުރައަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ބައިނަލް އަގުވާމީ އެއިޑްސް ދުވަހާއި ގުޅިގެން އެ މިނިސްޓްރީން ބުނީ 2004 ވަނަ އަހަރަށް ފަހު މިހާރު ރާއްޖޭގައި އެންމެ ގިނައިން އެޗްއައިވީ ޖެހޭ އުމުރު ފުރާއަކީ 18 އަހަރާއި 24 އަހަރާއި ދެމެދު ކަމަށެވެ. 1991 ވަނަ އަހަރުން ފެށިގެން 2004އާއި ހަމައަށް އެޗްއައިވީ ޖެހިފައިވާ މީހުންގެ އާންމު އުމުރަކީ 30 އަހަރާއި40 އަހަރެވެ.
އެޗްއައިވީ ރާއްޖޭގައި ފެތުރެމުންދާ މިންވަރަށް ބަލާއިރު ކުއްލިއަކަށް އެއްފަހަރާ ގިނަ ބަޔަކަށް މި ބަލި ޖެހުމުގެ ނުރައްކާ ބޮޑުކަމަށް ހެލްތް މިނިސްޓްރީން ލަފާ ކުރެ އެވެ. ސަބަބެއް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވަނީ ބަލި ޖެހުމަށްމަގުފަހިވާފަދަ އާދަތައް ކަމަށްވާ ހަށި ވިއްކުން، އެއްޖިންސުން ޖިންސީ ގުޅުން ހިންގުން، މަސްތުވާ ތަކެތި ބޭނުންކުރުމަށްޓަކައި އެކަކު ބޭނުން ކޮށްފައި ހުންނަ ސިރިންޖް ކަށި އަނެކަކު ބޭނުންކުރުން އަދި ޖިންސީ ގުޅުން ހިންގާ އިރު ރައްކާތެރިކަމުގެ ވަސީލަތްތައް ބޭނުން ނުކުރުން ފަދަ ކަންތައްތައް އިތުރުވެފައި ވުމެވެ.
ތަފާސް ހިސާބު ދައްކާގޮތުން 1991 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާޢްޖޭގެ 19 މީހަކަށް އެޗްއައިވީ ޖެހިފައި ވެއެވެ. އޭގެ ތެރއިން މިހާރު ދުނިޔޭގައި ތިބީ ހަތްމީހުންނެވެ. ހެލްތް މިނިސްޓްރީން ބުނީ ކުރިޔާ ހިލާފަށް މިހާރު ގިނަ މީހުންނަށް އެޗްއައިވީ ޖެހިފައިވަނީ ރާއްޖެއިން ކަމަށާއި މީގެ ކުރިން އެޗްއައިވީ ޖެހިފައިވާ މީހުންނަކީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން އަންނަ މީހުން ކަމަށވެ.
ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީންގެ މެޑިކަލް ޗެކަޕް ހެދުމުގެ ތެރޭގައި 300 އަށްވުރެ ގިނަ މީހުން އެޗްއައިވީއަށް ޕޮޒިޓިވް ވެގެން ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރަމުންދަނީ، ވޯކްޕާމިޓް ހެއްދުމުގައި އަމަލުކުރަމުންދާ އުސޫލުގެ ދަށުން ގައިން ގަޔަށް އަރާ ބައްޔެއް ހުރި މީހަކު ނަމަ ޑީޕޯޓުކުރާ ގޮތަށް ހަމަޖައްސާފައިވާތީ އެވެ.
މިއަހަރުގެ އެއިޑްސް ދުވަހާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ”ޓެސްޓްކޮށް ޔަގީން ކޮށްލައްވާ“ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާ، ގިނަ މީހުން އަމިއްލައަށް އެދިގެން ޓެސްޓްކޮށް ނަތީޖާ އެނގުމުގެ ފުރުސަތު ހޯދާ ދިނުމުގެ ގޮތުން ކެމްޕޭނެއް ވަނީ ފަށާފައި އެވެ.