ހަނގުރާމަކުރުމަށް ގޮސްތިބި ދިވެހިންގެ އަދަދު 7 އަށްވުރެ ގިނަ: ހޯމް މިނިސްޓަރު

ދުނިޔޭގެ އެކި ގައުމުތަކަށް ހަނގުރާމަކުރަން ގޮސްތިބި ދިވެހިންގެ އަދަދު 7 އަށްވުރެ ގިނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ބައެއް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ހަނގުރާމަކުރަން ދާ ދިވެހިން ރާއްޖެއިން ފުރުމުގެ ކުރިން ނުވަތަ ފުރުމުގެ ފަހުންވެސް އެނގެންޏާ އެކަމަށް ”އިންޓަވީން“ ކޮށް ފުރައިގެން ދާ ފަހުންވެސް ބައެއް މީހުން ރާއްޖެ ގެނެވޭ ކަމަށެވެ. އެގޮތުން ދާދިފަހުން ޖިހާދަށް ކަމަށް ބުނެ ހަނގުރާމަށް ދާން އުޅުނު ތިން މީހަކު ގެނައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ބަޔަކު ބޭރު ގައުމަކަށް ހަނގުރާމައަށް ގޮސްފިކަމަށް މައުލޫމާތު ލިބިއްޖެއްޖާ ބަލަމު ކޮންގައުމެއްގަތޯ ތިބީ، ހުރިހާ ގައުމަކުން ގައުމަކީ ފަސޭހަ ކަމެއް ނޫން، އަވަށްޓެރިގައުމުތަކުން ވިއްޔާ ގެނެވޭ، ސީރިޔާ ތެރެއަށް ވަނީމަ ގެނައުން އެއީ ފަސޭހަ ކަމެއް ނޫން“ މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ މިކަމަކީ ވަރަށް ހައްސާސް ކަމެއް ކަމަށާއި މިކަން ހުއްޓުމުގައި ސަރުކާރުގެ ވިސްނުމަކީ ދުރާލާ އިންޓެލިޖެންސް މައުލޫމާތު ހޯދާ ފިޔަވަޅު ކަމަށެވެ. އަދި ދީނީ ހަރުކަށި މީހުންވަނުމަށް  ފުރުސަތު އެންމެ ކުޑަ ގައުމަކީ ރާއްޖެ، ރާއްޖެއިން ހަގުރާމައަށް ދާ މީހުންގެ އަދަދު އެހެން ގައުމުތަކާ އަޅާ ބަލާއިރު ނިސްބަތުން މާ މަދުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *