ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާއި މެދު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ކޮމަންވެލްތް ހިއުމަން ރައިޓްސް އިނީޝަޓިވް (ސީއެޗްއާރްއައި)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ދެ ޖަމިއްޔާ ގުޅިގެން ނެރެނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުތަކަކީ ރާއްޖޭގައި ގާއިމުކުރެވިފައިވާ ޑިމޮކްރެޓިކް ނިޒާމަށް ބޮޑެތި ލޮޅުންތައް އަރައި ރައްޔިތުންގެ ހައްގުތައް ހިފެހެއްޓުމުގެ ބަދަލުގައި އެ ހައްގުތައް މުޅިން ނިގުޅައިގަނެވޭނެ އިސްލާހުތަކެއް ކަމަށެވެ. ގާނޫނު އަސާސީއިން އެބައެއްގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމަކީ ގާނޫނުގެ ވެރިކަން ހިންގާ މުޖުތަމައެއްގެ އަސާސީ ބަހާއެއް ކަމަށާއި މި އިސްލާހުތަކުގައި ހުއްޓުވުމަށް ހުށަހަޅާފައިވާ އިޖުރާއީ ރައްކާތެރިކަމުގެ ތެރޭގައި ހިމެނޭ ހަނުހުރުމުގެ ހައްގާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގަކީ އަދުލުވެރިކަމާއެކު ޝަރީއަތް ހިންގުމުގެ އަސާސީ ސިފަތަކެއް ކަމަށް ބަޔާނުގައި ވެއެވެ.
އެ ދެ ޖަމިއްޔާއިން ބުނީ ކުށުގައި ހައްޔަރުކުރާ މީހުންނަށް ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ހިފެހެއްޓުމާއި ދިމާލަށް މި އިސްލާހުތަކުގެ ސަބަބުން މިސްރާބު ބަހައްޓާފައިވާ ކަމަށެވެ. އަދި މި އިސްލާހުތައް ހުށަހެޅިފައިވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ކަމުގައި އިސްލާހުގައި ބަޔާންކޮށްފައި އޮތްނަމަވެސް އެ މާއްދާގެ ’ހ‘ އާއި ފުށޫއަރާ ކަމަށެވެ.
”ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ’ހ‘ ގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ގާނޫނަކުންވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހެއްޓޭނީ މިނިވަން ދިމަގްރާތީ މުޖްތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް މިންވަރަކަށް ކަމަށް. މި އިސްލާހުތަކުގައި ތަކުރާރުކޮށް ”ގާނޫނުއަސާސީގައި މިހެން ބަޔާންކޮށްފައިވީނަމަވެސް“ މިފަދަ އިބާރާތްތައް ބޭނުންކޮށް، ގާނޫނުއަސާސީގެ މައްޗަށް ގާނޫނު ގެންނަފަދަގޮތަކަށް ހުށަހަޅައިފައި ވުމަކީ ނުހަނު ނުރައްކާތެރި ކަމެއް. ސަބަބަކީ، ތަފާތު އެކި ގާނޫނުތަކުގައި މިފަދަ މޭރުމަކުން އިސްލާހް ގެންނަން ޖާގަ ހުޅުވުން،“ އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން މި އިސްލާހުތަކުގެ ނަތީޖާއަކަށް ވާނީ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުން ކަމަށްވުން ގާތް ކަމަށް ބަޔާނުގައި ވެ އެވެ. އަދި ގާނޫނުއަސާސީއަކީ މުޅި ދައުލަތާއި ވަކިވަކި ފަރުދުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށްދޭ އަސާސްތައްކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެންބަރުންނަށް ހަނދުމަށްކޮށް އަރުވާ ފައިވެ އެވެ.