ބައިނަލްއަގްވާމީ ޕްރެޝަރަށް ނުބަލާ އިރާނުގައި އަންހެނަކު ދަން ޖައްސައފި

ބައިނަލް އަގްވާމީ ފަރާތްތަކުން ޕްރެޝަރު ކުރަމުން ދަނިކޮށް އީރާނުގެ އަންހެނަކު މިއަދު ފަތިހު ދަން ޖައްސައިފި އެވެ.

އުމުރުން 26 އަހަރުގެ ރޭހާނާ ޖައްބާރީގެ މައްޗަށް މަރަން ހުކުމް ކޮށްފައިވަނީ މީގެ 5 އަހަރު ކުރިންނެވެ. ޖައްބާރީ މަރަން ހުކުމްކުރީ އީރާންގެ އިންޓެލިޖެންސް މިނިސްޓްރީގެ މުއައްޒަފެއް ކަމުގައިވާ މޮރްތޭޒާ އަބްދޮލާލީ ސަރްބަންދީ އަށް ހަމަލާދީ މަރާލާފައިވާކަމުގެ ތުހުމަތުގައެވެ. ރޭހާނާ ހައްޔަރުކުރީ 2007 ވަނަ އަހަރުއެވެ.

ރޭހާނާ ދަން ޖައްސާފައިވަނީ ދެ ފަހަރެއްގެ މަތިން ދަންޖެއްސުން ފަސް ކުރުމަށްފަހުގަ އެވެ. ދަން ނުޖެއްސުމަށް އެމްނެސްޓީ އިންޓަނޭޝަނަލުންނާއި އދ އިން އީރާނަށް ކަނޑައަޅާފައި ހުންނަ ރެޕެޓުއާ ޑރ. ޝަހީދު ވަނީ ތަކުރާރުކޮށް އީރާނަށް ގޮވާލާފަ އެވެ.

ރޭހާނާ ދަންޖެއްސުން ހުއްޓާލުމަށް ޕްރެޝަރުކޮށް އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ އިއްޔެވެސް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ސަރްބަންދީ މަރާލީ ރޭހާނާ އަށް މަޖުބޫރުވެގެން ކަމަށާއި އެކަން ހިނގީ ރޭހާނާ ރޭޕްކުރަން ސަރްބަންދީ އުޅުމުން އެކަމުން ސަލާމަތްވާން ރޭހާނާ އުޅުމުގެ ތެރޭގައި ކަމަށް ރޭހާނާ ބަޔާން ދީފައިވާކަމަށެވެ.

އީރާނުން ބުނެފައިވަނީ ރޭހާނާ އޭނާގެ ކުށަށް އިއުތިރާފްވެފައި ވާކަމަށެވެ. އަދި ހުކުމް ތަންފީޒް ކުރުމުގައި އަމަލު ކުރާނެ ގޮތް އެހެން ގައުމުތަކުންނާއި އެހެން ބޭރުގެ ޖަމާއަތްތަކުން ކިޔައިދޭން ނުޖެހޭނެ ކަމަށެވެ.

އދ ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ހިނގާ 2014 ވަނަ އަހަރު އެކަނިވެސް އީރާނުންވަނީ 250 މީހަކު ދަން ޖައްސާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *