ރިލްވާނާއި ބެހޭ މައުލޫމާތު ހިއްސާ ނުކުރާ ކަމަށް ބުނާ ބުނުމަށް ސީޕީ ރައްދު ދެއްވައިފި

ފުލުހުން ބަލަމުންދާ މައްސަލަތަކާއި ގުޅޭ މައުލޫމާތު އާންމު ކުރުމަށް ޕްރެޝާ ކުރިއަސް ބައެއް މައްސަލަތަކުގެ މައުލޫމާތަކީ އާންމު ކުރެވޭނެ މައުލޫމާތު ނޫން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވެފައި މިވަނީ ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދަމުގައި އެއްވެސް ކުރި އެރުމެއް ނުލިބިގެން އާންމުންގެ ޝަކުވާ އިތުރުވެފައިވަނިކޮށް ރިލްވާން ސޯޝަލް މީޑިއާގައި އޮންލައިން ކަމަށް ބުނާ މައްސަލައިގަ ފުލުހުން އެއްޗެއް ބުނުން މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކާއި ތަހުގިގުކުރާ މައްސަލަތަކާއި ބެހޭ ހުރިހާ މަޢުލޫމާތުތަކީ އާއްމު ކުރެވޭނެ މަޢުލޫމާތުތަކެއް ނޫންކަމަށެވެ. އަދި ފުލުހުން ބަލަމުންދާ ބައެއް ޒާތުގެ މައްސަލަތަކަކީ އެމައްސަލައިގެ ބާވަތުން މަޢުލޫމާތެއް ހާމަކުރަންޖެހޭ ވަގުތު ޖެހުމުގެ ކުރިން ހާމަކޮށްފިނަމަ ފުލުހުންގެ ތަހުގީގަށާއި މައްސަލަ ކާމިޔާބުކުރުމަށް ހުރަސްއެޅިގެންދާނެކަމެއްކަމަށެވެ.

”ފުލުހުންގެ މަސައްކަތްތަކާއި ތަހުގީގުކުރާ މައްސަލަތަކާއި ބެހޭ ހުރިހާ މަޢުލޫމާތުތަކީ އާއްމު ކުރެވޭނެ މަޢުލޫމާތުތަކެއް ނޫން. ބަޔަކު އެކި ގޮތްގޮތުން މަޢުލޫމާތު ހޯދުމަށް ފުލުހުންނަށް ޕްރެޝަރކުރިނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާކުރެވިދާނެކަމަކަށް އަޅުގަނޑު ނުދެކެން،“ ހުސައިން ވަހީދު ވިދާޅުވި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުން ބަލަމުންދާ  ކޮންމެ މައްސަލައަކީ އެތައް ބައެއްގެ ހައްގުތައް އޭގައި އެކުލެވޭ، ރައްޔިތުންގެ މަޞްލަޙަތާއި ގުޅުންހުރި މައްސަލަތަކެއްކަމަށް ވުމުން އެފަދަ މަޢުލޫމާތެއް ފުލުހުންނަށް ހާމަކުރެވެން ނޯންނާނެކަމަށާއި ނަމަވެސް އެފަދަ މަޢުލޫމާތެއް ހާމަކުރަންޖެހޭ ވަގުތު ޖެހުމުން އެ މަޢުލޫމާތެއް ފުލުހުން ހާމަކުރަމުންދާނެކަމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *