މިދިޔަ މަހުގެ ތެރޭގައި އިރާގުގެ ސިފައިންނާ ދެކޮޅަށް އައިއެސް އިން ނުރައްކާތެރި ކެމިކަލް ހަތިޔާރެއް ކަމަށްވާ ކްލޮރިން ގޭސް ބޭނުންކުރިތޯ ބަލަމުން އަންނަ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ކެރީ ވިދާޅުވީ އައިއެސް އިން އިރާގުގެ ސިފައިންނާ ދެކޮޅަށް ކްލޮރިން ގޭސް ބޭނުންކުރިކަން އެނގުނީ އެކަން މީޑިއާއިން ރިޕޯޓް ކުރުމުން ކަމަށާއި އެކަމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އައިއެސް އިން ކްލޮރިން ގޭސް ބޭނުންކުރިކަން އެނގޭނީ ތަހުގީގަކަށްފަހު ކަމަށްވެސް ކެރީ ވިދާޅުވި އެވެ.
ވޮޝިންޓަން ޕޯސްޓުން އިއްޔެ ރިޕޯޓްކޮށްފައިވަނީ މިދިޔަ މަސް ތެރޭގައި އިރާގު ސިފައިންނާ ދެކޮޅަށް ކްލޮރިން ގޭސް ބޭނުން ކުރުމުން 80 ކިލޯމީޓަރު ހުރަސްކޮށް ބަގްދާދުގެ ހޮސްޕިޓަލަކަށް 11 އޮފިޝަރަކު ގެންދެވުނު ކަމަށާއި ގެންދިޔައިރު އެމީހުންގެ ހާލު ސީރިއަސް ކަމަށެވެ.
އިރާގު ސިފައިންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ މި އަހަރު ތެރޭގައި ދެ ފަހަރެއްގެމަތިން އައިއެސް އިން ނުރައްކާތެރި ގޭސް ބޭނުންކޮށްފައިވާކަމަށެވެ.
ކެރީ ވިދާޅުވީ އެއްވެސް ބަޔަކާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނު ކުރުމަށްފަހު ހަރަކާތްތެރިވަމުން އަންނަ އައިއެސް ނައްތާލުމަށް އެމެރިކާއިން އިސްނަގައިގެން ބައިނަލްއަގްވާމީ ކޯލީޝަނެއް އެކުލަވާލުމަށްފަހު އައިއެސް އާ ދެކޮޅަށް އަންނަނީ ހަނގުރާމަ ކުރަމުންނެވެ. އައިއެސް އާ ދެކޮޅަށް ހަމަލާ ދެމުން އަންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ބައިނަލްއަގްވާމީ ކޯލީޝަނަށް މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.