ރާއްޖޭގައި ގާނޫނުގެ ހުކުމް ހިނގާކަމާއި މެދު ސުވާލު އުފެދޭ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ނާއިބް ރައީސް މިހެން ވިދާޅުވީ ގާނޫނީ ނިޒާމު ހަރުދަނާ ކުރުމާއި ގުޅޭގޮތުން ބަންޑާރަ ނާއިބުގެ އޮފީހުން އިސްނަގައިގެން ކުރިއަށް ގެންދާ މަހާސިންތާ ފެށުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާގައި ވާހަފުޅުދައްކަވަމުން ނެވެ. ނާއިބް ރައީސް ވިދާޅުވީ ރާއްޖޭގައި ތަހުގީގު އެކަށީގެންވާ ހަލުވި މިނެއްގައި ހިނގައިނުގަންނަކަމަށާއި ކުށްކުރާ ފަރާތްތައް ގާނޫނުގެ ތެރެއިން ނުވަތަ ކޯޓުތަކުން ދޫވެގެން ދިއުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
މިއަދު ފެންނަނީ ކުށްތަކަށް އަރައިގެންފައިވާ މީހުން ތަހުގީގުގެ މަރުހަލާގެ ތެރެއިން ދޫވެގެން ދާތަން ކަމަށާއި މިހާރު ރާއްޖޭގެ ގާނޫނީ ނިޒާމު ދާގޮތް ބަލަން ޖެހިފައިވާ ކަމަށެވެ. ނާއިބް ރައީސް ޖަމީލް ވިދާޅުވީ ގައުމެއް ކުރިއަރާފައިވަނީ ގާނޫނު ހިންގުމުގެ ފުރުސަތު ދީގެން ކަމަށާއި އެހެންކަމުން ރާޢްޖޭގައި ކުށްކުރާ ކޮންމެ މީހެއްގެ މައްޗަށްވެސް ގާނޫނުގެ ބާރު ހިނގަން ޖެހޭނެ ކަމަށެވެ.
”ރައްޔިތަކަށް ލިބޭނެ އެންމެ މަތިވެރި އެއް އުފަލަކީ ހަމަޖެހޭ އަދުލުވެރި މުޖްތަމައެއްގައި ދިރިއުޅުމާއި ތިމާގެ ނަފްސާއި މުދާ ރައްކާތެރިވާނެކަން ކަށަވަރުވެފައި އޮތުން. އަދި ކުށްވެރިންނަށް އަދަބު ކަނޑައެޅިގެންދާ ނިޒާމެއް އޮތުން. އެކަމަކު މިއަދު ރާޢްޖެއިން ފެނިގެން މިދަނީ އެ މަންޒަރެއް ނޫން،“ ނާއިބް ރައީސް ވިދާޅުވި އެވެ.
ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ ގާނޫނުއަސާސީގެ ލަފުޒީ މާނައަށް ބަލައިގެން ގާނޫނުގެ ދަށުން ލިބިދޭ ބާރުތައް ހަނިކޮށްފައިވުމުން ތަހުގީގު ކުރާ ފަރާތްތަކުގެ އަތް ބަނދެވިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނޭ ހަނު ހުރުމުގެ ހައްގު ލިބިފައިވުމަކީ ބަންދުކުރެވޭ އެއްވެސް މީހަކަށް އެއްޗެއް ނުބުނެ ހުރުމުގެ ހައްގު ލިބިފައިވުން ނޫން ކަމަށާއި ހައްޔަރު ކުރެވޭ ފަރާތާ ކޮންމެ ސުވާލެއް ކުރުމުގެ ބާރުވެސް ތަހުގީގު ކުރާ ފަރާތަށް ލިބިދޭން ޖެހޭކަމަށެވެ.
ރާއްޖޭގައި ކުށްވެރިންނަށް ހަނު ހުރުމުގެ ހައްގު ދީފައި އޮންނަ ބީދައިން އެހެން ގައުމެއްގައި އެހައްގު ލިބިދީފައި ނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާއަކީ ޔޫއެންޑީޕީ އާއި އެޓާނީ ޖެނެރަލްގެ އޮފީސް ގުޅިގެން ކުރިއަށްދާ މަހާސިންތާއެކެވެ.
މިމަހާސިންތާގައި ޝަރުއީ އަދި ގާނޫނޫ ދާއިރާއަށް ފައިތުވި 10 އަހަރު ދުވަހު ގެނެވިފައިވާ ހެޔޮ ބަދަލުތަކާއި، އެބަދަލުތަކުގެ ސަބަބުން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކޮށްފައިވޭތޯ މަޝްވަރާ ކުރެވިގެން ދާނެއެވެ. މީގެ އިތުރުން މިހާރު ގާނޫނީ ދާއިރާ ހިންގުމުގައި ދިމާވެފައި ހުރި ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލު ކުރުމާ ބެހޭގޮތުންވެސް މަހާސިންތާގެ ބައިވެރިން މަޝްވަރާ ކުރާނެ އެވެ.