އިރާގު އަދި ސޫރިޔާގައި އިސްލާމީ ހިލާފަތެއް އިއުލާނުކޮށް ހަރަކާތްތެރިވަމުން އަންނަ އައިއެސް ޖަމާއަތުން، ޒިނޭ ކުރި އަންހެނަކު އޭނާގެ ބައްޕަ ކުރިމަތީގައި ރަޖަމްކުރާ ވީޑިއޯއެއް ލިބިފައިވާކަމަށް ސޫރިޔާގައި އިންސާނީ ހައްގަށް މަސައްކަތްކުރާ ގްރޫޕަކުން ބުނެ އެ ވީޑިއޯ އާއްމުކޮށްފި އެވެ.
އެ ގްރޫޕުން ބުނެފައިވަނީ އެ ވީޑިއޯއަކީ ސޫރިޔާގެ އަވަށެއް ކަމަށްވާ ހަމާ ގައި ރެކޯޑް ކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ. ހަމާ އަކީ އައިއެސްގެ ކޮންޓްރޯލް ދަށުގައި އޮންނަ އަވަށެކެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުން އަންހެނަކު ގިސްލާ ރޮމުން އޭނާގެ ބައްޕަގެ ކިބައިން މައާފަށް އެދެ އެވެ. އަދި އައިއެސްގެ ދެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ދެމީހަކު އެ އަންހެން މީހާގެ ބައްޕަގެ ކިބައިން އެ އަންހެން މީހާއަށް މައާފް ދިނުމަށް އެދެ އެވެ. އަދި އެތަނުން އެކަކު އެ އަންހެން މީހާއަށް އަދަބު ދެވޭ ސަބަބު ބަޔާން ކުރެ އެވެ.
“ މިދެވޭ އަދަބަކީ ކަލޭގެ ކުރި ކަމެއްގެ ސަބަބުން ކަލެއަށް ލިބޭ އަދަބެއް، ކަލޭ ޒިނޭކުރީ މީހަކު މަޖުބުރުކޮށްގެނެއް ނޫން، އެހެން ކަމުން އުންމަތް މައްޗަށް ބާވާލައްވާފައިވާ ގާނޫނަށް ތަބާވާންޖެހޭ އަދި އެކަމަށް ކަޑައެޅިފައިވާ އަދަބަށްވެސް ތަބާ ވާންޖެހޭ، މާތް ﷲގެ ގާނޫނަށް ކަލޭ ތަބައަ ވަންތަ؟ އެތަނުން އެކަކު އެ ވާހަކަތައް ދެއްކުމުން އެ އަންހެން މީހާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލައެވެ.
އެ ވީޑިއޯއިން ދެން ފެންނަނީ އެއަންހެން މީހާގެ ބައްޕަ އެ އަންހެންމީހާ ވާ ގަނޑަކުން ބަނދެލާ މަންޒަރެވެ، އަދި ބަނދެލުމަށްފަހު ދަމާފައި ގެންގޮސް ވަކި ހިސާބެއްގައި ބާއްވައެވެ. ބޭއްވުމުން މީހުން ވަށައިގެންތިބެ އެ އަންހެން މީހާގެ ގަޔަށް ހިލަ އުކައި އެ އަންހެން މީހާ ރަޖަމު ކުރެ އެވެ. ރަޖަމް ކުރުމަށް އެ އަންހެން މީހާގެ ގަޔަށް ހިލަ އުކާ މީހުންގެ ތެރޭގައި އޭނާގެ ބައްޕަވެސް ހިމެނެ އެވެ.
މި ވީޑިއޯ އާއްމުކުރި އިންސާނީ ހައްގަށް މަސައްކަތްކުރަ ގްރޫޕުން ބުނީ މިކަމަކީ އައިއެސްއިން އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. އެގޮތުން މިދިއަ ޖުލައިމަހު ރައްގާގައި ފިރިހެނަކު ރަޖަމް ކޮށްފައިވާކަމަށްވެސް އެ ގްރޫޕުން ބުނެ އެވެ.
One Response
ޕިސް ޕިސް ! އަންހެނުން އެކަނިތަ ޒިނޭ ކުރަނީ ؟