ފުލުހުންގެ މުއައްސަސާއިން ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޢަރީފް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އެ މުއައްސަސާ ހަރުދަނާކުރުމުގެ ފިޔަވަޅުުތައްވެސް އަޅަން ފަށާފައިވާ ކަމަށާއި ފުލުހުންގެ މުއައްސަސާއިން ކޮރަޕްޝަން ނައްތާލާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ފާހަގަކޮށް އެ ކަންކަން ތަންފީޒުކުރަން މިދިޔަމަހުގެ ފަހުކޮޅު ޚާއްޞަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާއި މުއައްސަސާގެ ޤަވާޢިދުތަކާއި އޯޑަރުތަކާއި ބޯޑުތައް ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގް މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.
އަދި ފުލުހުންގެ މުއައްސަސާގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށާއި ފުލުހުން މިހާރަށްވުރެ އިތުރަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށްވެސް އަޙުމަދު ޢަރީފް ވިދާޅުވިއެވެ.
ހަމަ މިއާއެކު ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާގެ އިސްވެރިން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނުފޫޒުގެ ދަށުގައި ތިއްބެވި ކަމަށާއި ފުލުހުންގެ މުއައްސަސާ އަށް ބޭނުންވާ ވަސީލަތްތައް އެމްއެމްޕީއާރުސީގެ ބަޖެޓުން ހަމަޖައްސާފައިވާކަން ފަޅާއަރާފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މުއައްސަސާއާ މެދު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މިދަނޑިވަޅުގައި އެ މުއައްސަސާގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރި ނަމަ، އެކަން ހައްލުކުރައްވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވެފައިވާ އިރު، ފުލުންގެ އިސްވެރިންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުންނާ އެކު މިދިޔަ ހަފުތާގައިވަނީ ބައްދަލުވުންތަކެއްވެސް ބާއްވާފައެވެ.