އައު އަހަރާއި ދިމާކޮށް މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގައި ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަން ކޮމާންޑުން ހާއްސަ މަސައްކަތްތަކެއް މިއަދު ފެށުމަށް ހަމަޖައްސައިފިއެވެ.
ފުލުހުން ހާމަކުރައްވާ ގޮތުގައި މިއަދު 18:00 ން ފެށިގެން 2016 ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގައި، މާލެތެރެ ޕެޓްރޯލްކުރުން އިތުރުކޮށް ތަންތަން ބަލައި ފާސްކޮށް ދަންވަރު ވަގުތުތަކުގައި ބޭނުންނެތި މަގުމަތީ އުޅޭ މީހުންނާ ސުވާލުކޮށް ބަލައި ފާސްކޮށް ހަދާނެކަމަށާއި ހަމަ އެއާއެކު ރައްކާތެރިކަން ޤާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރުކޮށް ކުށުގެ ޢަމަލުތައް ހުށަހެޅޭ ސަރަޙައްދުތައް އިތުރަށް ބަލައި ފާސްކޮށް އެސަރަޙައްދުތައް ބެލެހެއްޓުން އިތުރު ކުރެވޭނެކަމަށެވެ.
ހަމައެއާއެކު ކަނޑުމަތިން އުޅަނދުތައް ބަލައި ފާސްކުރުމާއި، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ފެރީ ޓާމިނަލްތައް ސްޓެޓިކްކޮށް ބެލެހެއްޓުމާއި ޓީ ޖެޓީ ސަރަޙައްދު ހާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމަށް ހަމަޖެހިޖެހިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
އިރުރަށް ފުލުހުން ހާމަކުރެއްވި ގޮތުގައި މި މަސައްކަތްތަކުގައި ފުލުހުންގެ އިންޓެލިޖެންސްގެ އިތުރުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ މާލެ ސިޓީ ޕޮލިސް އާއި ހުޅުމާލެ ޕޮލިސް އަދި ވިލިމާލެ ޕޮލިސް އާއި އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ މެރިން ޕޮލިސް އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރިވަމުންދާނެކަމަށެވެ.