މިދިޔަ އަހަރުގެ އޮކްޓޯބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގައި ތަކެއްޗާއި ޙިދުމަތުގެ އަގު ނުވަތަ އިންފްލޭޝަން 1.04% މައްޗަށް ގޮސްފިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން ނެރެފައިވާ ކޮންސިއުމަރ ޕްރައިޒް އިންޑެކްސްގެ ރިޕޯޓް ދައްކާގޮތުން އޮކްޓޯބަރ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ %0.02- ގައިއެވެ. މިއީ ސެޕްޓެމްބަރ މަހު ހުރި ނިސްބަތަށް ވުރެ %0.02- އިންސައްތަ ދަށް އަދެދެކެވެ. އޮކްޓޯބަރުމަހު މުދަލާއި ޙިދުމަތުގެ އަގުތައް އެންމެ ބޮޑަށް ދަށަށް ދިޔައީ މަހުގެ އަގު ހެޔޮވުމާއި ގުޅިގެންނެވެ.
މިއަހަރުގެ ފައިތުވި މަސްތަކަށް ބަލާއިރު، މުޅި ރާއްޖޭގެ މުދަލާއި ޙިދުމަތުގެ އަގު އެވެރެޖްކޮށް އެއްވަރެއްގައި ހިފެހެއްޓިފައިވީ، ނަމަވެސް މިދިޔަ އަހަރުގެ ތަކެތީގެ އެގުތަކާއި އަޅާބަލާއިރު، އަގުތައް މަތިވަމުން ދާކަން، ނޭޝަނަލް ބިއުރޯ އޮފް ސެޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ގެދޮރުގެ ކުއްޔާއި މޭވާ އާއި ތަރުކާރީގެ ބައެއް ބާވަތްތަކުގެ އިތުރުން ސިއްޙީ ޙިދުމަތާއި ތައުލީމުގެ ބައި ހިމެނެއެވެ.
ބޭރުދުނިޔޭގެ އިންފްލޭޝަން
މި މުއްދަތުގެ ތެރޭގައި އެވްރެޖްކޮށް ބޭރުދުނިޔޭގެ ތަކެއްޗާއި ޙިދުމަތުގެ އަގުތައް ވަނީ ދަށަށް ގޮސްފައިއެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްއިން އޮކްޓޯބަރ މަހު ނެރެފައިވާ ކޮމޯޑިޓީ ޕްރައިޒް އިންޑެކްސް އިން ދައްކާގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ %35 ދަށަށް ގޮސްފައެވެ. މީގެ މައިގަނޑު ސަބަބަކީ ތެލާއި، ކާބޯތަކެއްޗާއި، މައުދަނުގެ އަގުތައް ދަށަށް ދިޔުމެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު، އޮކްޓޯބަރުމަހު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް ބަދަލެއް އައިސްފައި ނުވާކަމަށް މަރުކަޒީ ބޭންކުން ނެރެފައިވާ އިޤްތިސާދީ ރިވިއުގައި ހާމަކޮށްފައި ވެއެވެ.
މިއަހަރުގެ އޮކްޓޯބަރު މަސް ނިމުނު އިރު ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެޔޮފީފާއެއްގެ އަގު ހުރީ 47 ޔޫ.އެސް ޑޮލަރުގައެވެ. މިއީ މަހުން މަހަށް އަޅާ ބަލާއިރު %1 އިތުރު އަދަދެއް ނަމަވެސް އަހަރުން އަހަރަށް ބަލާއިރު މިއީ %45 ދަށް އަދަދެކެވެ.
ޔޫ.އެން.އެފް.އޭ.އޯ އިން ނެރެފައިވާ ހިސާބުތައް
ކާނާއާއި ދަނޑުވެރިކަމާއި ބެހޭ އ.ދ ގެ ޖަމުއިއްޔާ ޔުނައިޓެޑެ ނޭޝަންސް ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަންއިން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު، މުޅި ދުނިޔޭގެ ކާބޯތަކެތީގެ އަގުތަށް ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރުމަހު ހުރި ނިސްބަތަށް ވުރެ ޖުމްލަ 18 އިންސައްތަ ދަށަށް ގޮސްފައި އެވެ.
އެ ޖަމުއިއްޔާއިން އަގުތަށް މިނެކިރުމުގައި މައިގަނޑު ގޮތެއްގައި ބަލާ 5 ބަވާތުގެ ތެރޭގައި ހިމެނެނީ މަހާއި، ކިރާއި، ކިރުގެ އުފެއްދުންތަކާއި، ސީރިއަލް އަދި ތަރުކާރީ ތެލުގެ އިތުރުން ހަކުރެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ހަކުރުގެ ބާވަތްތައް ފިޔަވައި ދެން ހުރި ބާވަތްތަކުގެ އަގުތައް 15 އިންސައްތައާއި 23 އިންސައްތައާއި ދެމެދުގެ ނިސްބަތަށް ވަނީ ދަށް ވެފައި. އަހަރުން އަހަރަށް ބަލާއިރު ހަކުރުގެ އަގު ވަނީ 10 އިންސައްތަ އިތުރުވެފައި ވެއެވެ.