ސްޓްރެސް ފިލުވާލާނެ ފަސޭހަ ފަސް ގޮތެއް

ދުވަސް އެމްވީ

ކަސްރަތު ކުރުން

މީހާ ހަސްވެ ކަންބޮޑުވުމުން ހަށިގަނޑުގައި އުފެދޭ ސްޓްރެސް ހޯމޯން ތައް ގިނަވެއެވެ. މިފަދަ ހޯމޯން ގެ މިސާލަކީ އެޑްރެނާލިން އަދި ކޯޓިސޮލްއެވެ. މިފަދަ ހޯމޯންގެ ޒިންމާއަކީ މީހާ ހާސްވާ ފަދަ ދަނޑިވަޅެއް އަތުވެއްޖެނަމަ އެފަދަ ހާލަތެއްގައި ހަށިގަނޑަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދިނުމެވެ. މިޒަމާނުގައި އަންމުގޮތެއްގައި މީހާ ހާސްވާ ދަނޑިވަޅުތަކުގައި މިފަދަ ހޯމޯންތަކުގެ ބޭނުމެއް މާބޮޑަކަށް ނުހިފެއެވެ. އެހެން ކަމުން މިހޯމޯންތައް ހަށިގަނޑުގައި އުފެދޭ މިންވަރު ކޮންޓްރޯލް ކުރަން ޖެހެއެވެ. މިފަދަ ހޯމޯން ކޮންޓްރޯލް ކުރަން އެންމެ ފަސޭހަ އަދި އެންމެ ރަނގަޅުގޮތަކީ ކަސްރަތު ކުރުމެވެ. ހާސްވެ ކަނބޮޑުވެއްޖެ ނަމަ ހިނގާލަން ނުވަތަ ފަތާލަން ދާށެވެ. އެންމެ ރަނގަޅު ގޮތަކީ ކޮންމެ ދުވަހަކުވެސް ގަވާއިދުން ކަސްރަތު ކުރުމެވެ.

ވާހަކަތައް މިހާކާ ހިއްސާ ކުރުން

މީހާ ހާސްވެ ކަންބޮޑުވާ ހާލަތްތަކުގައި މީހަކާ މައްސަލަތައް ހިއްސާ ނުކޮށްފިނަމަ ފިކުރު ބޮޑުވާގޮތް މެދުވެރިވެއެވެ. މިކަމުގެ ސަބަބުން މީހާ އިތުރަށް ހާސްވާގޮތް މެދުވެރިވެއެވެ. އެއީ ކިތަންމެ ކުޑަކަމެއްކަމުގައި ވިނަމަވެސްމެއެވެ. ކަމަކާ ފިކުރު ބޮޑުވާ ނަމަ ލަސްނުކޮށް މައްސަލަ މީހަކާ ހިއްސާ ކުރާށެވެ. ހިއްސާ ކުރާ މީހަކީ އިތުބާރުހިފޭ ރައްޓެއްސެއް ، އެކުގައި މަސައްކަތްކުރާ މުވައްޒަފެއް، އާއިލާގެ މެންބަރެއް ނުވަތަ ކަމުގެ ތަމްރީނު ލިބިފައިވާ ތަޖުރިބާކާރަކަށްވެސް ހެދިދާނެއެވެ. މިގޮތައް މައްސަލަ ހިއްސާކުރުމުން ހާސްކަން ފިލައި މައްސަލައަށް ހައްލެއް ލިބުން އަވަސްވާނެއެވެ.

ނިދި ހަމަކުރުން

އާންމު ގޮތެއްގައި މީހާ ހާސްވެ ކަންބޮޑުވުމުން ނުނިދި ވަރުބަލިވާގޮތް މެދުވެރިވެއެވެ. އެހެން ނަމަވެސް ހާސް ކަމާއި ކަންބޮޑުވުމުން ދުރުވުމަށް ނިދި ހަމަ ކުރަންވެސް އެބަޖެހެއެވެ. ހާސްވެ ކަންބޮޑުވުމުގެ ސަބަބުން ނިދިމަދުވާނަމަ ނިދުމުގެ ދެތިން ގަޑިއިރު ކުރިން ފުންކޮށް ވިސްނައިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ހުއްޓާލާށެވެ. އަދި ނިދަން އެނދަށް އެރުމުގެ ކުރިން ފެންވަރަން އާދަކުރާށެވެ. އަދި ނިދަން ދިޔުމުގެ ކުރިން ތިމާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކުރަން އާދަ ކުރާށެވެ. މިގޮތުން ފޮތެއް ކިޔާލުން ނުވަތަ ގޭމެއް ކުޅެލެވިދާނެއެވެ. މިހެން ކަންތައް ކުރުމުން ހާސްވާ ކަންކަންމަތިން ހަނދާން ނައްތާލަން ފަސޭހަވެ އަވަހަށް ނިދޭނެއެވެ. ނިދި ހަމަކުރަން ބޭހެއް ބޭނުން ކުރުމަކީ އެއްވެސް ގޮތަކަށް ބުއްދިވެރި ކަމެއް ނޫނެވެ.

ކެފެއިން އަދި ނިކޮޓިން ހިމެނޭ ތަކެއްޗާ ދުރުވުން

މީހާ ހާސްވެ ކަންބޮޑުވާގޮތް މެދުވެރިވުމުން އެކަމާ ދުރުވަން މީހުން ކޮށް އުޅޭ އެންމެ ނޭދެވޭ ކަމަކީ ކެފެއިން ނުވަތަ ނިކޮޓިން ހިމެނޭ ތަކެތި ބޭނުން ކުރުމެވެ. މިފަދަ ތަކެތި ބޭނުން ކުރުމުން ހާސްކަން ކަނޑުވައި ކަނބޮޑުވުމާއި ދުރުކޮށްދިނުމަށްވެ ބޮޑަށް ކޮށްދެނީ އިތުރެވެ. ސަބަބަކީ މިދެ މާއްދާއަކީ ސްޓިމުލެންޓްސްއަށް ވާތީއެވެ. ސްޓިމުލެންޓްސް އަކީ އިންސާނާގެ ސިކުނޑީގެ މަސައްކަތް އިތުރުކޮށް ވިސްނުން އިތުރުކޮށްދޭ މާއްދާތަކެވެ. ހާސްވެ ކަންބޮޑުވާނަމަ ގިނައިން ފެން ބޮއެ ހާބަލް ސަޔާއި މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސްތައް ބޯން އާދަކުރާށެވެ. އޭރުން ހަށިގަނޑުގެ ސިއްހަތައް ވެސް ފައިދާ ވާނެއެވެ.

ސްޓްރެސް ޑައިރީ އެއް ގެންގުޅުން

ހާސްކަމާއި ކަންބޮޑުވުން އާންމުވާނަމަ ނުވަތަ ދިގުލައިގެން ދާނަމަ ސްޓްރެސް ޑައިރީއެއް ގެންގުޅެން ފަށާށެވެ. މިފަދަ ޑައިރީއެއް ގެންގުޅޭ ނަމަ ހާސްވެ ކަންބޮޑުވުމަށް މެދުވެރިވާ ސަބަބުތަކާއި ކުދިކުދި ކަންކަން ދެނެގަންނަން ފަސޭހަވާނެއެވެ. ޑައިރީގައި ޖެހޭނީ ހާސްވެ ކަންބޮޑުވާގޮތް މެދުވެރިވެއްޖެނަމަ ހުރިތަނާއި، ތާރީހާއި، ވަގުތާއި، ތިބީ ކޮންބަޔަކާއި އެކު ކަމާއި، ކުރަމުން ދިޔާއި ކޮން ކަމެއްކަމާއި، ކުރެވުނު އިހުސާސަތައް ނޯޓުކޮށްލާށެވެ. އަދި އެކަކުން ދިހައަކާއި ދޭތެރޭގެ އަދަދަކުން ހާސްކަން ގިންތިކޮށްލާށެވެ. މިހެން ކަންތައް ކުރާނަމަ ހާސްވެ ކަންބޮޑުވުމަށް މެދުވެރިވާ ކަންކަމާއި ދުރުވެ އެފަދަ ދަނޑިވަޅުތަކުގައި ކުރަންޖެހޭ ކަންކަން ދެނެގަންނަން ފަސޭހަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here