ބ. ކަމަދޫން ގޯތި ދޫނުކޮށް އޮންނަތާ ތިން އަހަރަށް ފަހު ގޯތި ދޫކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ބ. ކަމަދޫ ކައުންސިލުގެ ރައީސް ޢަލީ އިސްމާއީލް ވިދާޅުވީ ތިން އަހަރަށް ފަހު އެ ރަށުން ގޯތިދޫކުރުމަށް ނިންމާފައިވަނީ ދެކުނު ފަރާތުން ކަމަދޫ ސްކޫލުގެ ފުރަގަހުގައި ހުރި ހުސްބައިންނާއި މިހާރު ދޫކުރެވިފައިވާ ގޯތިތަކުގެ ދެކުނަށް އޮންނަ ހުސް ބިމުން ކަމަށެވެ. މިފަހަރު ދޫކުރާނީ 2000 އަކަފޫޓުގެ 8 ގޯތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް ގައި އެއްވެސް މައްސަލައެއް އުޅޭނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާ ކަމަށާއި ގޯތިތައް ލިބޭ ފަރާތްތަކާ ހަވާލުކުރާނީ ޝަކުވާ ފޯމުތައް ބެލުމަށްފަހު އެއްވެސް މައްސަލައެއް ނެތް ފަރާތްތަކަށް ކަމަށެވެ. އަދި ޤާނޫނީ އެއްވެސް މައްސަލައެއް އޮތަކަމުގައިވާނަމަ އެކަންތައްތައް ބަލާނެ ކަމަށްވެސް ޢަލީ އިސްމާޢިލް ވިދާޅުވިއެވެ.
އެފަދަ މައްސަލަތައް ބެލުމަށް ކައުންސިލުން ކުޑަ ކޮމެޓީއެއް އެކުލަވާލާނެ ކަމަށާއި ޤާނޫނީ ލަފައެއް ހޯދަންޖެހޭ ފޯމެއް އޮތްނަމަ އެޓަރނީ ޖެނެރަލުގެ އޮފީހަށްވެސް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަމަދޫއަކީ އާބާދީގައި 500އެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.