ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި އެއްބަސްވެވުނު ޕެރިސް އެގްރީމަންޓަކީ، ކުދި ޖަޒީރާ ގައުމުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެ ކޮންފަރެންސްގައި ބައިވެރިވި 196 ގައުމުން ވަނީ ދުނިޔޭގެ ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ބެހެއްޓުމަށް އެއްބަސްވެފައެވެ.. މިގޮތުން، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރެވެން އޮތް މަސައްކަތްތަކެއް ކުރުމަށް ވެސްވަނީ އެއްބަސްވެފައެވެ.
މިއެއްބަސްވުމުގައި ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުގެ މަސްލަޙަތަށް ރިޢާޔަތްކުރުމަށާއި މިޤައުމުތަކުގެ ނާޒުކުކަމަށް ސަމާލުކަން ދިނުން ހިމެނިފައިވުމަކީ، ރާއްޖެފަދަ ޤައުމުތަކަށް ލިބިގެންދިޔަ މުހިންމު ކާމިޔާބީއެއް ކަމަށް ފާހަގަކުރެވެއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ އިޢާދަނުކުރެވޭފަދަ ގެއްލުންތައް ނުވަތަ ”ލޮސް އެންޑް ޑެމޭޖް“ އަދި މިކަމުގައި ޢަމަލުކުރާނެ ގޮތްތައް މިއެއްބަސްވުމުގައި ހިމެނިގެން ދިއުމަކީ ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުގެ މަސްލަޙަތުގައި ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިއެއްބަސްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިނުމަށް ވެސް ހިމެނިފައިވެއެވެ.
“ އެއޯސިސްގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ގޮތުގައި ރާއްޖެ އޮވެ ކުރި މަސައްކަތާއި އެކުކުދި ގައުމުތަކަށް މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް. މޫސުމަށް އަންނަ ބަދަލުތަކުން އެއްމެ ބޮޑަށް އަސަރުކުރަނީ ކުދި ގައުމުތަކަށްކަމަށްވާއިރު މި ބައްދަލުވުމުގެ ނިންމުންތަކަކީ ކުދި ގައުމުތަކަށް ލިބުނު ހިނިތުންވުމެއް“ މިނިސްޓަރ ޠާރިގު ވިދާޅުވިއެވެ.
މިނިސްޓަރ ޠާރިގު ވިދާޅުވީ “ ހުސް ވާހަކަތައް ދެއްކުމުގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރައްވަނީ އަމަލީ ގޮތުން ނަތީޖާ ނެރެދެއްވުމަށް ކަމަށާއި ކޮޕް 21 އަކީ އޭގެ މިސާލެއް ކަމަށެވެ.“ އަދި ’ޕެރިސް އެގްރިމެންޓް‘ ގައި ދުނިޔޭގެ ފިނިހޫނުމިން މަތިވާ މިންވަރު 1.5 ޑިގްރީގައި ބެހެއްޓެމަށް އެންމެބޮޑަށް ވަކާލާތުކޮށްފައިވަނީ އެއޯސިސްއިން ކަމަށާއި އަދި މިއަމާޒު މިއެއްބަސްވުމުގައި ހިމަނާފައި ވަނީ އެއޯސިސް އިން ކުރި މަސައްކަތުން ކަމަށް ވެސް މިނިސްޓަރ ޠާރިގު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކަށް އެދެވޭ ޙައްލެއް ހޯދުމުގެ ވާހަކަ، ، އެއޯސިސް ގެ މެންބަރުޤައުމުތަކުން ދައްކާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށާއި އެހެންނަމަވެސް އެކަމަށް އިޖާބީ ހައްލެއް އައިސްފައި ވަނީ މިފަހަރުގެ އެއްބަސްވުމުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ މި ފަހަރު އެއޯސިސް އިން މި ހޯދި ކާމިޔާބީ އަކީ އެއޯސިސްގެ ހަޔާތުގައި ވެސް ހޯދި އެއްމެ ބޮޑު ކާމިޔާބީ. މެމްބަރު ގައުމުތަކުން، ރާއްޖޭގެ ފަރާތުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރުވެރިކަމާއި އެކު އެކަން ބަލައިގަނޭ. ރާއްޖޭގެ ލީޑަރޝިޕްގެ އަގުވަޒަންކުރެވޭ“ މިނިސްޓަރ ވިދާޅުވިއެވެ.
ޕެރިސް އެގްރީމަންޓަކީ، މުސްތަގުބަލުގެ ޖީލުތަކުގެ ހައްގުގައި ދުނިޔޭގެ ގައުމުތަކުން ދެއްކި ނަމޫނާ އެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކޮޕް 21 އާއި އެކު ރާއްޖެ ތާރީޚުގެ ތެރެއަށް ވަދެފައިވާކަމަށާއި މިއީ އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ދެކޮޅުހެދޭނެ ވަރަށް ވުރެ މާފާޅުކަންބޮޑު ކާމިޔާބީ އެއް ކަމަށެވެ.