ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު ފުލުހުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
މި މައްސަލަ ނިންމައި ޕީޖީ އޮފީހަށް މިއަދު ފޮނުވާފައިވާކަމަށް އެ އޮފީހުން ކަށަވަރުކޮށްދޭއިރު ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަދީބު ފުލުހުންގެ އިންޓެލިޖެންސް އޮފިޝަރުންނަށް ރިޝްވަތު ދިން ކަމުގެ ހެކިތައް ތަހުގީގަށް ލިބިފައި ވާކަމަށެވެ.
ފުލުހުންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސުޕްރިޑެންތް އޮފް ޕޮލިސް ހަމްދޫން ރަޝީދު ކުރިން ވިދާޅުވީ ތަހުގީގުން އެނގުނު ގޮތުގައި ޕޮލިސް އިންޓެލިޖެންސްގެ ބައެއް އޮފިސަރުންނަށް ރަސްމީ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތާއި އަދި އެބޭފުޅުންގެ އިލްމާއި ތަޖުރިބާ އާއި ހުނަރު އެބޭފުޅުންނަށް ރިޝްވަތުދީގެން އަމިއްލަ ބޭނުމަށް ހޯދަން އަދީބު މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލާގައި ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ޕޮލިސް އިންޓެލިޖެންސްގެ އޮފިސަރުންނާ ސުވާލުކުރުމުން އިންޓެލިޖެންސް މައުލޫމާތު އަދީބާ ހިއްސާކޮށްގެން އެބޭފުޅުންނަށް މާލީ މަންފާ ލިބިފައިވާ ކަމަށް އެބޭފުޅުން ތަހުގީގަށް ކިޔައިދީފައިވާ ކަމަށެވެ.
އަދީބުގެ އެޕާޓްމެންޓަށް ފުލުހުންގެ އިންޓެލިޖެންސް އޮފިޝަރުންތަކެއް ވަދެ ނިކުމެވާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖްތަކެއް ހުރި ކަމަށްވެސް ހަމްދޫން ކުރިން ވިދާޅުވި އެވެ.