ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި ބެހޭ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު މަސްއޫލިއްޔަތު އަދާކުރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ހިތަމަޔާއެކު ފާހަގާކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް(އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އެޗްއާރުސީއެމްއިން މިހެން ބުނެފައިވަނީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާއި ބެހޭ ދުވަހާއި ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނުގަ އެވެ.
”އެގޮތުން ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވާ، ހިމާޔަތރްކޮށް، ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ގާނޫނީ އޮނިގަނޑު މިހާރަށްވުރެ ފުރިހަމަކޮށް، ހއްގުތައް ގެއްލޭ ފަރާތްތަކަށް އިންސާފު ލިބުމުގައި ހުރި ހުރަސްތައް ނައްތާލާ، އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދީ، އަނެކުންގެ ހައްގުތައް ނިގުޅައިގަންނަމުންދާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމުގެ މުހިންމުކަން ފާހަގަކުރަން“ އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިޖުތިމާއީ ހަރަކާތްތެރިކަމުގެ ނިޒާމު ހަރުދަނާކޮށް، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ ފަރާތަތްކަށް ލިބެންޖެހޭ ވަސީލަތްތަކާއި ނިޒާމުތައް ގާއިމު ކުރުން އަވަށް ކުރުމުގެ މުހިންމުކަން ފާހަގަ ކުރާ ކަމަށާއި އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރުމުގެ އާދަ ފަރުދީ ގޮތުން ކޮންމެ މީހެއްގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންސާނީ ހައްގުތަކާއި ޒިންމާތަކަށް މުޖުތަމައު އަހުލުވެރިކޮށް، ހޭލުންތެރިކުރުމަށް ނޫސްވެރިންނާއި، މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް އެފަދަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވެ އެވެ.