މިދިޔަ މަހު ރާއްޖެ އިން އަލަށް ފެނުނު މަހަށް ”އަސުރުމާ ބުރެކި“ ކިޔަން ނިންމާ އެ މަހަށް އެނަން ދީފި އެވެ.
މިކަމާއި ބެހޭގޮތުން މެރިން ރިސާޗް ސެންޓަރުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަތީގައިވައި ފޮޓޯއިން ފެންނަ މަހަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން މީގެ ކުރިން ފެނިފައިވާ ކަމަށް ރިކޯޑް ކުރެވިފައިވާ މަހެއް ނޫންކަމަށެވެ.
”މި މަހަކީ ރ. ރަސްގެތީމު، ދޯދިލަ، ހަސަން ލަތީފް ރަންކަރުމަސް ބާނަން އުޅުމުގެ ތެރޭގައި 2 ނޮވެމްބަރ 2015 ވަނަ ދުވަހުގެ ހެނދުނު ބާނާފައިވާ މަހެއް، މަސް ބޭނި ސަރަހައްދުކަމަށް ހަސަން ލަތީފް ފާހަގަ ކުރަނީ ކ. ގާފަރު ކަނޑުއޮޅީގެ 200 މީޓަރެއްހާ ބޭރުން 500 މީޓަރުހާ އަޑިން ކަމަށް، ހަސަން ލަތީފް ފަރުމަސް ބޭނުމަށްފަހު ރިސޯޓަށް ވިއްކުމަށް ދިއުމުން ފަތުރުވެރިއަކު މި މަސް އަގު ބޮޑުކޮށް ގަތުމަށް ހުށަހެޅުމުން މަސް ނުވިއްކާ މާލެ ގެނައީ، ރާއްޖެއިން ނުފެން މަހެއް މަސްވެރިއަކު ބާނާފައިވާކަން މެރިން ރިސާރޗް ސެންޓަރުގެ ސަމާލުކަމަށް ގެނެސްދެއްވީ ހަސަންލަތީފްގެ އެދިލެއްވުމުގެ މަތިން ކޯސްޓް ގާޑްގައި މަސައްކަތް ކުރައްވާ އޭނާގެ ރަހަމަތްތެރިއެއް، މި މައުލޫމާތު ލިބުމުން މެރިން ރިސާރޗް ސެންޓަރުގެ މުވައްޒަފުން މާލޭ މަސްރުކޭޓަށް ގޮސް ހަސަން ލަތީފާއި ބައްދަލުކޮށް މަހުގެ ފޮޓޯނަގައި އިތުރު މައުލޫމާތު ސާފުކުރި، މެރިން ރިސާރޗް ސެންޓަރުގެ އެދުމުގެ މަތިން ހަސަން ލަތީފް ވަނީ މި މަސް މެރިން ރިސާރޗް ސެންޓަރަށް ހަދިޔާކޮށްފައި، ހަސަން ލަތީފް މި ގޮތަށް ކަންތައް ކުރެއްވީ މި މަހަކީ ދިވެހިރާއްޖެއިން އާންމުކޮށް ނުފެންނަ މަހަކަށްވުމުން އެމަހާއިގުޅޭ އިތުރު ތަހްލީލުކުރުމާއި ރައްކާތެރިކޮށް ބޭއްވުމުގެ މުހިއްމުކަން ގަބޫލްކުރެވޭތީ ކަމަށް ވިދާޅުވެ، މީގެ އިތުރުން ހަސަން ލަތީފަށް މި މަސް ބޮޑުއަގެއްގައި ވިއްކުމުގެ ފުރުސަތު ލިބިފައިވަނިކޮށް އެ ފުރުސަތު ދޫކޮށްލައްވައި މަސް މާލެ ގެނައުމާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދެއްވާފައިވާތީ އެކަން ޝުކުރުވެރިކަމާއިއެކު މިސެންޓަރުން ފާހަގަކުރަން“ މެރިން ރިސާޗް ސެންޓަރުގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މި މަހަގު ޖީނަސް އަކީ Meganthias ކަންވަނީ ޔަގީންކުރެވިފައި ކަމަށާއި މި ޖީނަސްގައި މިހާތަނަށް ހިމެނިފައިވަނީ ހަތަރު ސްޕިޝީސް ކަމަށެވެ. މި ސްޕިޝީސްތަކުގެ ތެރެއިން މި މަހަކީ filiferus ކަމަށް ލަފާކުރެވޭ ކަމަށާއި މި މަސް މިހާތަނަށް ފެނިފައިވަނީ ތައިލެންޑްގެ ހުޅަނގުދެކުނުން އަންޑަމާން ކަނޑުންނާއި އިންޑިއާގެ ހުޅަނގުދެކުނުން އަރަބިއަން ކަނޑުން ދެ ފަހަރު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
”އެހެންކަމުން މި މަހަކީ Meganthias filiferus އަށް ވެއްޖެނަމަ މިއީ މިމަހުގެ ތިންވަނަ ރިކޯޑްއަށް ވެގެންދާނެއެވެ. މި މަހަށް ދިވެހި ނަމެއް ދެވިފައި ނުވާތީ މަހުގެ ކުލަޔާއި ގުޅުވާ މަހުގެ ސައިންޓިފިކް ނަމާއި އާއިލާއަށް ނިސްބަތްކޮށް ’އަސުރުމާ ބުރެކި‘ ނަންދިނީ“ އެ ބަޔާނުގައި ބުނެފައި ވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނި ނަމުގައި ’އަސުރުމާ‘ ކިޔުމަށް ނިންމީ މަހުގެ ކުލައާއި ގުޅުވާފައި ކަމަށާއި މީގެ އިތުރުން ’އަސުރުމާ‘ ލަފްޒުގައި ’މާ‘ އިނުމުން Meganthias ގެMega އާއި ގުޅުވާލެވޭ ކަމަށެވެ. އަދި މަހުގެ ނަމުގައިވާ ’ބުރަކި‘ ނިސްބަތް ކުރެވިފައި އެވަނީ މަހުގެ އާއިލާ އަށް ކަމަށްވެސް މެރިން ރިސާޗް ސެންޓަރުގެ ބަޔާނުގައި ބުނެފައި ވެ އެވެ.