ނަޝީދުގެ އާލާސްކަންފުޅާބެހޭ މައުލޫމާތު އާންމުކުރުމަކީ ހޯމް މިނިސްޓަރު ކުރެއްވި ދަށުދަރަޖައިގެ އަމަލެއް: ނަޝީދުގެ އޮފީސް

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާލާސްކަންފުޅާ ބެހޭ މައުލޫމާތު އާންމު ކުރުމަކީ ހޯމް މިނިސްޓަރު ކުރެއްވި ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުޙަންމަދު ނަޝީދުގެ އާލާސްކަންފުޅާއި ގުޅޭގޮތުން ރައީސް މުޙަންމަދު ނަޝީދު ބެއްލެވި ޑޮކްޓަރުން ރައީސް މުޙައްމަދު ނަޝީދަށް ދެއްވާ ލަފައާއި ރައީސް މުޙައްމަދު ނަޝީދުގެ ބައްޔާގުޅޭ އެކިއެކި މަޢުލޫމާތު ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢުމަރު ނަސީރު ޢާންމު ކުރައްވަމުން ގެންދަވާ ކަމީ މިއޮފީހުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އަދި ސަރުކާރުގެ ޒިންމާދާރުކަން ކުޑަ އެ ޢަމަލު މިއޮފީހުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

”ރައީސް މުޙަންމަދު ނަޝީދުގެ އާލާސްކަންފުޅާ ގުޅޭ މަޢުލޫމާތަކީ އެމަނިކުފާނުގެ އަމިއްލަފުޅު ޒާތީކަމަކަށްވެފައި، އެކަމުގެ މަޢުލޫމާތު ހާމަކުރެވެންވާނީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިންނަވާ ފަރާތަކުން ބޭނުންފުޅުވެވަޑައިގަންނަވާ މިންވަރަކަށް، ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، އަނެކުންނާ ކުރާ ޒާތީ މުޢާސަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަން ކަމުގައި ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ރައީސް މުޙަންމަދު ނަޝީދާއި އެމަނިކުފާގެ ސިއްޙީ ޑޮކްޓަރާ ދެމެދު ކުރެވޭ މުޢާސަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ މުޢަސަލާތުތަކެއް“ އެ ބަޔާނުގައި ބުނެފައި ވެ އެވެ.

މީގެއިތުރުން، ރައީސް މުޙަންމަދު ނަޝީދު އެންމެ ފަހުން ޑަކްޓަރަށް ގެންދެވުނު ދުވަހު އެމަނިކުފާނަށް އެރުވި ސިއްޙީ ލަފަޔާއި، އިރުޝާދުގެ ވާހަކަ ބަޔާންވެފައިވާ މެޑިކަލް ލިޔެކިޔުންތައް، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ ޙަވާލުކުރުމަށް ޚުދު އެމަނިކުފާނު އެދިވަޑައިގެންފައިވީ ނަމަވެސް، އެ ލިޔެކިޔުންތައް ވަކީލުންނާ ޙަވާލުނުކޮށް އެލިޔެކިޔުމުގައި ހުރި މަޢުލޫމާތު ސޯޝަލް މީޑިޔާގައި ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރ އާންމު ކުރައްވަމުން ގެންދަވާ ކަމަކީ އެ އޮފީހުން ދެކޭ ގޮތުގައި ވަރަށް ދަށުދަރަޖައިގެ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ/

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް މުޙަންމަދު ނަޝީދުގެ އަމިއްލަފުޅު ޒާތީ ދިރިއުޅުމާއި، ޒާތީ މުއާސަލާތުތަކާ ގުޅޭ މަޢުލޫމާތު ރައީސް މުޙަންމަދު ނަޝީދުގެ ހުއްދަ ނެތި ޢާންމު ނުކުރަމަށް ސަރުކާރަށް އިލްތިމާސް ދަންނަވާ ކަމަށާއި އަދި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ މިފަދަ ކަންކަން ކުރުން ހުއްޓާލުމަށްވެސް ސަރުކާރަށް ދަންނަވާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *