މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ދެ ޕެކެޓާއެކު މީހަކު އދ.މަހިބަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި ޑިސެމްބަރު މަހު 06 ވަނަދުވަހުގެ ފަތިހު 05:55 ހާއިރު އދ.މަހިބަދޫ ދެކުނު ފަރާތު ބަނދަރު ސަރަހައްދުން ކަމަށާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ރަބަރު ދެ ޕެކެޓް ފެނިފައިވަނީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް އޭނާގެ އަތުގައި އޮތް ދަބަހެއް ބަލާފާސްކުރިއިރު އެދަބަހުގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ.މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 07 ދުވަހުގެ މުއްދަތު ދީފައި ވާކަމަށެވެ.