މިހާރު ރާއްޖެ އަށް ޒިޔާރަތް ކޮށްގެން އުޅޭ ދެ ޤައުމެއްގެ ކެޑޭޓުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ބައްދަލު ކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އޮތް މިބައްދަލު ވުމުގައި ސީޕީ ޢަރީފް ވަނީ ކެޑޭޓް ކުދިން ރާއްޖެއަށް ކުރި މިޒިޔާރަތުގައި ފުލުހުންގެ މައި މަރުކަޒަށް ޒިޔާރަތްކޮށް ފުލުހުންގެ މަސައްކަތްތަކުގެމަޢުލޫމާތު ހޯދުމަކީ ފުލުހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވެފައެވެ. ހަމަ އެއާއެކު ކެޑޭޓް ކުދިން ފުލުހުންގެ އިދާރާއަށް ޒިޔާރަތް ކުރި ކުރުމުން ދިވެހި ފުލުހުންގެ މަސައްކަތްތަކަށް ކެޑޭޓް ކުދިންގެ ހިތުގައި އޮތް ޝައުޤުވެރިކަން ހާމަވެގެންދާކަމަށް ޤަބޫލުކުރައްވާ ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވިއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މި ޒިޔާރަތާ ގުޅިގެން ކެޑޭޓް ކުދިންނަށް ވަނީ ދިވެހި ފުލުހުންގެ މަސައްކަތްތައް ބެހިފައިވާ ގޮތާ ފުލުހުންގެ ޚިދުމަތް ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދީފައި ވެ އެވެ. މީގެ އިތުރުން ކުށްމަދުކޮށް ކުށުގެ ނުރައްކާ ނައްތާ ލުމަށާ ރައްޔިތުންނާ ގުޅިގެން މުޖުތަމަޢުގެ ހަރުދަނާކަން އިތުރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ފުރާވަރުގެ ކުދިންނާ ޒުވާނުންނަށް އަމާޒުކޮށް ރައްޔިތުންނާ ކައުންސިލްތަކާ ދައުލަތުގެ މުއައްސަސާތަކާ މަދަނީ ޖަމްއިއްޔާތަކާއެކު ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ކެޑޭޓް ކުދިން ކުރި މި ޒިޔާރަތުގައި އެކުދިންނަށް ދިވެހި ފުލުހުންގެ ފަރާތުން ދީފައި ވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ހާމަކުރާ ގޮތުގައި ބޭރުގެ ދެ ޤައުމެއްގެ ކެޑޭޓުން ފުލުހުންގެ މައި އިދާރާއަށް ކުރި މިޒިޔާރަތުގައި އެ ކެޑޭޓުންނަށް ފުލުހުންގެ ބައެއް މަސައްކަތްތައް ދައްކާލައި ކޮމިއުނިކޭޝަން ސެންޓަރުގެ މަސައްކަތްތައް ދައްކާލާފައި ވެއެވެ.