ގއ ވިލިނިގިލީގައި މިރޭ ކަރަންޓްގައި ޖެހި ހިނގި ހިތާމަވެރި ހާދިސާއެއްގައި ފެނަކައިގެ މުވައްޒަފަކު ނިޔާވެ އިތުރު މުވައްޒަފަކަށް ފަރުވާ ދެމުން އަންނައިރު ދެ މުވައްޒަފުން ކަރަންޓް ޖެހުނީ ފޮޓޯސެލް ސްވިޗް އޮން ވެގެން ކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
މިހާދިސާއާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާދިސާ ހިނގީ ފޮޓޯސެލް ސްވިޗް އޮންވެގެން ނަރަށް ކަރަންޓް ގޮސްގެން ކަމަށް އެ އިންޖީނުގެ އިން މައުލޫމާތުދޭ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެ ހާދިސާ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި އެކަން ހިނގަން މެދުވެރިވި ސަބަބު ހޯދަން އެ ކުންފުނިންވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި އެފަދަ ހާދިސާތައް ނުހިނގާނެ ގޮތަކަށް އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.
”މި ހާދިސާގައި ނިޔާވި އަހުމަދު ތައުފީގަކީ އަހުލާގު ރަނގަޅު، މަސައްކަތަށް ވަރަށް ފަރުވާތެރިކަން ބެހެއްޓި އަދި ހަވާލުކުރި ކޮންމެ މަސައްކަތެއް ކުރައްވަމުން ގެންދެވި ނަމޫނާ މުވައްޒަފެއްކަން ފާހަގަ ކުރަމެވެ. އަދި އޭނާގެ މަސައްކަތް ރަނގަޅުކަމުން ދާދި ފަހުން އަހުމަދު ތައުފީގަށް ވަނީ ކުންފުނީގެ ފަރާތުން ވަޒީފާގެ ކުރިއެރުން ދީފައެވެ. މިފަދަ ހިތާމަވެރި ގޮތަކަށް އަހުމަދު ތައުފީގު ނެތިގެން ދިއުމަކީ ކުންފުންޏަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތާމައެކެވެ. އަދި ގެއްލިގެން އެ ދިޔައީ ކުންފުންޏަށް ވަރަށް އަގުހުރި މުވައްޒަފެއްކަން ފާހަގަ ކުރަމެވެ،“ އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ހާދިސާގައި ނިޔާވެފައިވަނީ ގއ ވިލިނގިލި ޒިއުރިކްވިލާ އަހުމަދު ތައުފީގް އެވެ. ފަރުވާ ދެމުން އަންނަނީ އެރަށު ހަނދުފެންނަގޭ ޝަހުނީޒް މުހައްމަދު އަށެވެ.