ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް 17 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވާ ބޭރު ޤައުމުތަކުގެ ކެޑޭޓުންނާއި ބައްދަލުކުރައްވައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މިއަދު ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ބައިވެރިވެފައި ވަނީ ބަނގްލަދޭޝްގެ ހަތަރު ކެޑޭޓުންނާއި އޮފިސަރެއްގެ އިތުރުން ސްރީލަންކާގެ ހަތަރު ކެޑޭޓުންނާއި އޮފިސަރެކެވެ.
މިބައްދަލުކުރެއްވުމުގައި ކެޑޭޓުންނާއި މުޚާޠަބުކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ޤައުމުތަކުގެ މެދުގަ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ލިބޭ މިފަދަ ފުރުޞަތުތަކުގައި ވިސްނުން ގެންގުޅެންޖެހޭނީ އިތުރު ޢިލްމާއި ހުނަރުތައް ހޯދުމަށް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ފުރުޞަތުތަކުގައި ލިބޭ ޢިލްމާއި ހުނަރު އެބައެއްގެ ޤައުމުގައި ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައްވާ، ލިބޭ މިފަދަ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އިފުމަށް އިލްތިމާސް ކުރެއްވިއެވެ.
ސިފައިން ފިޔަވާ ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ހިލޭ ސާބަހަށް މަސައްކަތްކުރަން ނުކުންނާނެ އެންމެ ބޮޑު ލަޝްކަރަކީ ކެޑޭޓުންކަން ފާހަގަކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ކެޑޭޓުންނަކީ އަބަދުވެސް ލޯ ހުޅުވި ޕްލޭންތައް ރޭވިގެން ޤައުމުގެ ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭނެ ކަމުގައެވެ. އަދި ހުރިހާ ކެޑޭޓުންވެސް ރާއްޖެއިން ރަނގަޅު ޢިބުރަތްތަކެއް ހާސިލުކޮށް ޤައުމުތަކުގެ ސަޤާފަތް ދެނެގަތުމުގެ އިތުރުން ރާއްޖޭގެ ކެޑޭޓުންނާއި ދޭތެރޭ އޮންނަ ގުޅުން ބަދަހި ކުރުމަށް ބާރުއަޅުއްވާ ވާހަކަފުޅު ދެއްކެވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޤައުމީ ކެޑޭޓް ކޯރ ގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑީއަރ ޖެނެރަލް ޢަލީ ޒުހައިރު ވަނީ ޤައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވާ ބަންގްޅަދޭޝް އަދި ސްރީލަންކާގެ ކެޑޭޓުންނާއި ބައްދަލުކުރައްވާފައި ވާކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.
ސަތާރަވަނަ ޤައުމީ ކެޑޭޓް ކޭމްޕް ކ.ގިރިފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2015 ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން 2015 ޑިސެމްބަރ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއެންޑީއެފުން އިތުރަށް ހާމަކުރާ ގޮތުގައި ޤައުމީ ކެޑޭޓް ކޭމްޕްގައި ބައިވެރިވާ ބޭރު ޤައުމުތަކުގެ ކެޑޭޓުންނާއި ބައްދަލުކޮށްލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް ބޭއްވި ބައްދަލުކުރެއްވުމުގައި ޤައުމީ ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑީއަރ ޖެނެރަލް ޢަލީ ޒުހައިރާއި ޤައުމީ ކެޑޭޓް ކޯރގެ އެޖުޓަންޓް ލެފްޓިނަންޓް ކާނަލް އިބްރާހީމް ޙިލްމީއާއި ޤައުމީ ކެޑޭޓް ކޯރގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.