ޕާޓީތަކުން ގާނޫނީ އިމުން ބޭރުވެ ގާނޫނީ ތަރަހަ ފަހަނައަޅައި ދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫން: އިލެކްޝަންސް

ގާނޫނީ އިމުން ބޭރުވެ ގާނޫނީ ތަރަހަ ފަހަނައަޅައި ދިއުމީ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކުގައިވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުން ބާރުވެރިކުރުވާ، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސިޔާސީ ޕާޓީތައް އުފެދިފައިވަނީވެސް، މިނިވަން މުއައްސަސާތައް އުފެދިފައިވަނީވެސް، އަދި އެހެނިހެން އިދާރާތަކަކީވެސް ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ދަށުން އުފެދިފައިވާ ތަންތަން ކަމަށްވާއިރު، ގާނޫނީ އިމުން ބޭރުވެ ގާނޫނީ ތަރަހަ ފަހަނައަޅައި ދިއުމީ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކުގައިވެސް ކޮށްގެންވާނެ ކަމެއް ނޫންކަމުގައި (ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިފަރާތުގެ ހައިސިއްޔަތުން) ބުނެ އަންގާ ކަމަށެވެ.  އަދި ސިޔާސީ ޕާޓީތަކުން ބާއްވާ މުޒާހަރާތަކުގައި ހިންގާ ކަންކަން މި ކޮމިޝަނުން ބަލާނެކަމާއި، އެކަމުގައި ފިޔަވަޅެއް އަޅަންޖެހޭނަމަ އެ ފިޔަވަޅެއް އަޅާނެ ވާހަކަ ދަންނަވާ ކަމަށެވެ.

އެ ބަޔާނުގައި އިލެކްޝަންސް އިން ބުނެފައިވަނީ ނޮވެމްބަރު 27 ގައި އެމްޑީޕީއިން ”މިންޖުވާން“ މިނަމުގައި ބޭއްވި މުޒާހަރާގައި އދ ގެ ލޯގޯ ބޭނުންކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށް 1 ޑިސެމްބަރު ގައި އެ ފަރާތުން ނެރެފައިވާ ބަޔާން ވަނީ މި ކޮމިޝަނަށްވެސް ފޮނުވާފައި ވާކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ސުލްހަވެރިކަމާއެކު އަމާންކަމާއެކު ގާނޫނުތަކާއި ގަވާއިދުތަކާއި ދިވެހި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެ މުއާހަދާތަކުގެ ދަށުން އަމަލުކުރަން ޖެހޭ ގައިޑްލައިންތަކާއި ހިލާފު ނުވާނޭ ގޮތުގެ މަތިން، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ފަހުރުވެރި ސިޔާދަތާ ކަރާމާތަށް އުނިކަން ލިބިދާފަދަ އަމަލުތަކުން އެއްކިބާވެ ތިބެގެންކަމަށް އެންމެހާ ސިޔާސީ ޕާޓީތަކަކަށް ގޮވާލާ ކަމަށްވެސް އިލެކްޝަންސް ގެ ބަޔާނުގައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *