ޒުވާނުންނާއި ފުރާވަރު ކުދިންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށްގެންދިޔަ ބްލޫޒް ފޯ ޔޫތު 16 ވަނަ ކޭމްޕް ނިމިއްޖެ

ޢާއްމު ދިރިއުޅުމުގެ ހުނަރުތަކާއި އަދަބުތައް ދަސްކޮށްދީ ކުށުގެ ވެއްޓާ ދުރުހެލިވުމަށް މަގުދައްކައިދޭ ޙަރަކާތްތަކެއް ހިމެނޭގޮތަށް ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ފުލުހުން ހިންގަމުންގެންދާ ބްލޫޒް ފޮރ ޔޫތު ކޭމްޕުގެ 16 ވަނަ ކޭމްޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މިކަމަށްޓަކައި މި ނޮވެމްބަރު އިއްޔެ ހަވީރު ދ. ވާނީ ޕޮލިސް ޓްރޭނިންގ ސްކޫލު ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ މިފަދަ ކޭމްޕްތަކުން ލިބިގެންދާ ޢިލްމާ ޙިލްމުގެ ބޭނުން ދިރިއުޅުމުގައި ހިފުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މިކޭމްޕަކީ މިއަދުގެ ޒުވާން ޖީލަކީ، ޤައުމުގެ ކުރިމަގު އާރާސްތުކޮށް،އެމަގުން ކުރިއަށް ދާބަޔަކަށް ހެދުމަށާއި، މުޖުތަމަޢު ބިނާކުރާނެ ޒުވާނުންތަކެއް ތަރުބިއްޔަތު ކުރުމުގެ މާތް މަޤުޞަދުގައި ފުލުހުން ހިންގަމުންދާ ކޭމްޕެއް ކަމަށެވެ. ހަމައެއާއެކު މި ޕްރޮގްރާމަކީ ޓީނޭޖްގެ ދުވަސްތައް ނިމި ޒުވާން ޢުމުރާ ކުރިމަތިލުމަށް ތައްޔާރުވަމުންދާ ނޫކަށިފުރައިގެ ކުދިން ކުށުގެ މާހައުލުން ދުރުކޮށް، ދިރިއުޅުމުގެ މައިދާނުގައި ދިމާވާ ތަފާތު ހާލަތްތަކަށް، ބޭނުންވާ ހުނަރާއި، ތަޖުރިބާ ހިއްސާކޮށްދިނުމަށްޓަކައި ހިންގޭ މުހިންމު ކޭމްޕެއްކަމަށް ވިދާޅުވިއެވެ.

01

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އާސިމް ޢަބްދުﷲ ވިދާޅުވީ ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، އެހީތެރިކަން އިންތިހާއަށް ބޭނުންވާކަމަށާއި ހާއްސަކޮށް ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ އެހީތެރިކަމާއި އެއްބާރުލުން ފުލުހުންނަށް ބޭނުންވާކަމަށެވެ. އަދި ދިރިއުޅެމުންދާ ވެށި އަމާން ވެށްޓަކަށް ވެގެންދާނީ ޤާނޫނާއި ޤަވާއިދުތަކަށް އިހުތިރާމްކުރާ ޤާނޫނާއި ޤަވާއިދުތަކާ ހިލާފު ޢަމަލުތަކަށް ނޫނޭ ބުނާ ބަޔަކަށް ވެގެންކަމަށާއި މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރު ކަމަށްވާތީ ދަރިވަރުންގެ އުޅުމާއި އަޙުލާޤު ހެޔޮގޮތުގައި ބައްޓަންކޮށް އަމިއްލަ ނަފްސު ރައްކާތެރިކަން ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިލެއްވިއެވެ.

ފުލުލުހުން ހާމަކުރާ ގޮތުގައި  ނޮވެމްބަރު 26 ން އިން 2015 ޑިސެމްބަރ 05 ގެ ނިޔަލަށް ދ.ވާނީގައި ހިންގި މި ކޭމްޕަކީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ތ. އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނާ ސްކޫލު ނިންމާފައިތިބި ޒުވާނުން ހިމެނޭގޮތަށް ބޭއްވުނު ކޭމްޕެކެވެ.

ތ. އަތޮޅުގެ އެކި ރަށްރަށުން 76 ދަރިވަރަކު މި ކޭމްޕުގައި ބައިވެރިވެފައިވާއިރު މި ކޭމްޕް ކުރިޔަށް ގެންދިއުމުގައި ފުލުހުންނާ އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން ހޭންޑިންގ ހޭންޑް ޖަމްޢިއްޔާ އާއި ރަށްރަށުގެ އަދި އަތޮޅު ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައި ވާކަމަށް ފުލުހުން ބުނެ އެވެ.

”10 ދުވަހުގެ މުއްދަތަށް ދ. ވާނީ ޕޮލިސް ޓްރޭނިންގ ސްކޫލުގައި ހިންގި މި ކޭމްޕަކީ ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް، ޒިންމާދާރު ބައެއްގެ ގޮތުގައި ފުރިހަމަ ތަރުބިއްޔަތާއެކު ދެމި ތިބެ ޤައުމިއްޔަތަށް މަގު ދައްކައިދީ އަމިއްލަ ނަފްސަށް އިތުބާރުކޮށް ބާރުވެރި ބައެއްގޮތުގައިވުމަށް އެހީތެރިވެދޭނެ ގިނަ ޙަރަކާތްތަކެއް ހިމެނޭ ގޮތަށް ފުލުހުން ހިންގާ ކޭމްޕެއް، މިކޭމްޕުގެ ބައިވެރިންނަށް ރަނގަޅު އަޚްލާޤާއި ހަރުދަނާ އުޞޫލުތައް އުނގަންނައިދީ ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން އުގަންނައި ދެވިފައި ވެއެވެ. މިއާއެކު ކޮންމެ ކުއްޖަކީވެސް އަމިއްލައަށް ކުރާކަންކަމަށް ޒިންމާވާންޖެހޭނެ ކުއްޖެއްކަން ބުނެދީ، ޒިންމާދާރު ވުމަކީ ކޮބައި ކަމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ވުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މަޢުލޫމާތުދީ، އެފަދަ ކަންކަން ޢަމަލީގޮތުން ދަސްކޮށްދެވިފައި ވެއެވެ. މީގެ އިތުރުން ކަންކަމުގައި އިސްނަގައި، ޙަރަކާތްތެރިވުމަށް ބާރު އަޅައިދޭފަދަ ޙަރަކާތްތަކާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯލެނބުމަށް މިކޭމްޕުގެ ބައިވެރިންނަށް ދަސްކޮށްދެވިފައި ވޭ“ ފުލުހުން ހާމަކުރެ އެވެ.

03

މީގެއިތުރުން ދަރިވަރުންނަށް މުހިއްމު ބައެއް ޤާނޫނޫތައް ކަމުގައިވާ ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތައް ދަރިވަރުންނަށް އޮޅުންފިލުވައި ދެވުނު ކަމަށާއި ހަމައެހެންމެ ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ އެންމެ މުހިއްމު އެއް ދާއިރާ ކަމުގައިވާ ސައިބަ ކްރައިމް އަކީ ކޮބައިކަމާއި ސައިބަކްރައިމްގެ ވިކްޓިމްއަކަށް ނުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމާއި ހެޔޮ އަދި ދަރިވަރުންނަށް ރައްކާތެރި ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ ގޮތްތަކާބެހޭގޮތުންވެސް މިކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތު ދެވުނު ކަމަށް ފުލުހުން ހާމަކުރެ އެވެ.

މީގެ އިތުރުން މިކޭމްޕް ކުރިޔަށް ދިޔައިރު ދަރިވަރުންގެ ދުޅަހެޔޮކަމަށް ޚާއްޞަ އަހަޢްމިއްޔަތުކަމެއް ދިނުމުގެ ގޮތުން ކަސްރަތާ ފިޓްނަސް ޕްރޮގްރާމްތައް ގެންދެވި ފެތުމާ މޫދުގެ ކުޅިވަރުތަކާ ރެސްކިއުއާއި ސަވައިވަލް ސްވިމިންގ އާއި ލީޑަރޝިޕް އިތުރު ކުރުމާއި ގުޅިގެން އެކުގައި މަސައްކަތް ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން އުނގަންނައިދީ ކަންކަމުގައި އިސްނަގައި ޒިންމާދާރު ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން ބައްޓަން ކުރުމަށް ކުރެވޭނެ ގިނަ ކަންތައްތަކެއް މިކޭމްޕުގައި ބައިވެރިވި ބައިވެރިންނަށް ވަނީ ދަސްކޮށްދެވިފައި ވާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ހާމަކުރާ ގޮތުގައި ބްލޫޒް ފޮރ ޔޫތު 16 ވަނަ ކޭމްޕް ނިންމުމަށް ވާނީގައި ބޭއްވި ރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނަޞީރު އާއި ދ. އަތޮޅުގެ ކޮމާންޑަރާއި ދ. އަތޮޅު ކައުންސިލްގެ ރައީސް އާއި ދ. ކުޑަހުވަދޫ ކައުންސިލާއި ކުޑަހުވަދޫގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ކޭމްޕުގައި ހަރަކާތްތެރިވި މުދައްރިބުންނާއި ކޭމްޕުގެ ބައިވެރިން ބައިވެރިވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *