މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ރަސްމީ ދަތުރުފުޅެއްގައި އެމްއެންޑީއެފް ނޮދަން އޭރިއާއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރ އެމްއެންޑީއެފް ނޮދަން އޭރިއާއަށް މި ކުރައްވާ ދަތުރުފުޅުގައި ބ. ދަރަވަންދޫ އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް މުޙައްމަދު ޝާހިދާއި އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މަޑިވަރަށް ޑިފެންސް މިނިސްޓަރ ޒިޔާރަތްކުރެއްވުމުން އެމަނިކުފާނުގެ ޝަރަފުގައި ނޮދަން އޭރިއާގެ ސިފައިން ވަނީ އޮނަރގާޑެއް އަރުވާފައި ވެ އެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާއަށް ޑިފެންސް މިނިސްޓަރ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެމްއެންޑީއެފް އޭރިއާތަކުގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްޓަކައި އޭރިއާތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން އިތުރަށް ހާމަކުރާ ގޮތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އެމްއެންޑީއެފް ނޮދަން އޭރިއާއަށް ދެދުވަހަށް ކުރައްވާ ދަތުރުފުޅުގައި ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރެރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގަންނަވައެވެ.