ކުދި އަދި މެދު ފަންތީގެ ވިޔަފާރި ލޯން ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިދިޔަ މަހު އިފްތިތާހް ކޮށްދެއްވި ”އެސްއެމްއީ“ ލޯނު ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލިކަން ހާމަކޮށް އެކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ލޯނަކީ ދައުލަތުގެ ބަޖެޓުން 2016 ވަނަ އަހަރު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޖެޓް ކުރެވިފައިވާ ފަންސާސް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރުމަށް އެސްއެމްއީ ކައުންސިލުގެ ލަފާގެ މަތީން ފަރުމާކޮށްފައިވާ ލޯނު ސްކީމެއް ކަމަށެވެ.

އެއިއުލާނުގައި ވާގޮތުން ލޯނަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އަށް ދާއިރާއަކަށް އަމާޒުކޮށްގެނެވެ. އެގޮތުން 50 މިލިއަން ރުފިޔާގެ ޖުމްލަ ލޯނު ސުކީމުން އެންމެ ބޮޑު ބައެއް ލޯނުގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައި ވަނީ ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ސިނާއަތަށެވެ. މިއިން ކޮންމެ ދާއިރާއަކަށް މުޅި ޖުމްލަ ސުކީމުގެ 20 އިންސައްތަ އަށްވާ މިންވަރަށް ލޯނު ދިނުމަށް ވަނީ ކަނޑައަޅާފައެވެ، އެއީ ކޮންމެ ދާއިރާއަކަށް 10 މިލިއަން ރުފިޔާ އެވެ.

1 2 3

އިއުލާނުގައި ބުނެފައި ވަނީ ޒުވާނުން ކަމަށް ބަލާނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރު ފުރައިގެ ފަރާތްތަކަށް ކަމަށާއި އެސްއެމްއީ ލޯން ސްކީމުގައި އެކަނި ފަރުދަކު ކުރާ ވިޔަފާރިއަކަށް ފަސް ލައްކަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ފާޓްނާޝިޕް ނުވަތަ ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ ލިބިގެން ދާނެ ކަމަށެވެ.

”ލޯނު އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިޢާޔަތްކުރުމަށްފަހު، 6 އަހަރަ ދުވަހަށްވުރެ މުއްދަތު އިތުރުނުވާ ގޮތަށް، އެ މުއްދަތުގައި ގިނަވެގެން 1 އަހަރު ދުވަހުގެ ގްރޭސްގެ މުއްދަތެއް ހިމެނިދާނެ، އަލަށް ފަށާ ވިޔަފާރި ފިޔަވައި އެހެން ވިޔަފާރިތަކުން ގްރޭސްގެ މުއްދަތުގައި ލޯނުގެ އިންޓްރެސްޓަށްވާ މިންވަރު ދައްކަންޖެހޭނެ، ނަމަވެސް އަލަށް ފަށާ ވިޔަފާރިއެއްނަމަ ގްރޭސްގެ މުއްދަތުގައި އިންޓްރެސްޓަށްވާ މިންވަރު ދެއްކުމަށް ނުވަތަ އިންޓްރެސްޓަށްވާ މިންވަރު ފަހުން ދެއްކުމަށް އިހްތިޔާރު ކުރެވިދާނެ“ މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

އެ އިއުލާނުގައި ބުނެފައިވަނީ އިކޮނޮމިކް މިނިސްޓްރީން ބުނީ އެސްއެމްއީ ލޯން ސްކީމުގެ އިންޓްރެސްޓް ރޭޓަކީ އަހަރު 9 ޕަސެންޓު ކަމަށާއި އެ ސްކީމްގެ ލޯނަށް ހޮވުމަށް ރަހުނެއް ހުށަހަޅާކަށެއް ނުޖެހޭ ކަމަށެވެ. ނަމަވެސް، ދަރަނި އަދާކޮށް ޚަލާޞްވަންދެން އެ ލޯނުގެ ދަށުން ހޯދޭ ވިޔަފާރީގެ މުދާލާއި ތަކެތި ރަހުނުގެގޮތުގައި ބަހައްޓަންޖެހޭނެ ކަމަށާއި އަދި ދަރަނި އަދާކޮށް ހަލާސްވަންދެން، ފައިނޭންސްކުރެވޭ ތަކެއްޗާއި ރަހުނުކުރެވުނު ތަކެތި ފުރިހަމައަށް އިންޝުއަރެންސް ކުރަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެސްއެމްއީ ލޯން ސްކީމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް އަންނަ އާދިއްތަ ދުވަހުން ފެށިގެން އިކޮނޮމިކް މިނިސްޓްރީން ލިބެން ހުންނައިރު ފޯމް ބަލައިގަންނަން ފަށާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *