ރައީސް ޔާމީން، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ 18 ވަނަ ސާކް ސަމިޓުގެ ހަވާސާގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، އެގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.  ޙާއްޞަކޮށް، ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކުގެ މައްޗަށް ބައްލަވައިލެއްވި ކަމަށް އެ އޮފީހުން ބުނެއެވެ.

މީގެއިތުރަށް، ‏ސާކުގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް، ސާކުގެ ހިންގުން ‏‏އިތުރަށް ‏‏ހަރުދަނާކުރެއްވުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ‏‏މަޝްވަރާކުރެއްވި ކަމަށާއި ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ‏‏އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ތަރައްޤީއާއި ‏‏ކުރިއެރުމަށްޓަކައި، ޕާކިސްތާނު ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި އެއްބާރުލެއްވުމަށްޓަކައި ‏ރައީސް ޔާމީން، ނަވާޒް ޝަރީފަށް ‏ޝުކުރު އަދާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރައްވައި މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް މަރުޙަބާ ވިދާޅުވި ކަމަށެވެ. އަދި މީގެއިތުރަށް، 1998 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އާ ޢިމާރާތް ހުޅުއްވައިދެއްވުމަށްޓަކައި އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ބެހެއްޓެވި ފުރިހަމަ މެހްމާންދާރީގެ ހަނދާންތައް އާކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *