ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތައް އެކުލަވާލުމަށް އެޑިޔުކޭޝަން މިނިސްޓްރީ އާއި ޔުނިސެފާއި ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާ ގޮތުގައި ޔުނިސެފްގެ ކަންޓްރީ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ތައުލީމީ ދާއިރާ އާއި ގުޅިގެން މަސައްކަތްކުރެވިދާނެ ޕްރޮގްރާމްތައް އެކުލަވާލުމާއި ގުޅޭ ގޮތުން މިއަދު ބޭއްވި މި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އާއި ޔުނިސެފްގެ ރެޕްރެސެންޓޭޓިވް ވަނީ ބައިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމީ ދާއިރާގެ ތެރެއިން އިތުރަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ކަމަށާއި މި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއު އާއި، މިނިސްޓްރީގެ ސެކްޝަންތަކުގެ ބޭފުޅުން އަދި ޔުނިސެފް ފަރާތުން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.