ފުވައްމުލަކުގައި ކުރިއަށްދިޔަ ފުލުހުންގެ 15 ވަނަ ޔޫތު ކޭމްޕު ނިންމާލައިފި

ޢާއްމު ދިރިއުޅުމުގެ ހުނަރުތަކާއި އަދަބުތައް ދަސްކޮށްދީ ކުށުގެ ވެއްޓާ ދުރުހެލިވުމަށް މަގުދައްކައިދޭ ޙަރަކާތްތަކެއް ހިމެނޭގޮތަށް ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ފުލުހުން ހިންގަމުންގެންދާ ބްލޫޒް ފޮރ ޔޫތުގެ 15 ވަނަ ކޭމްޕް ފުވައްމުލަކުގައި ނިންމައި ކޭމްޕް ފުރިހަމަ ކުރި ކުދިންނަށާ އެހީތެރިވި ފަރާތްތަކަށް ސެޓްފިކެޓް ދީފިއެވެ.

މި ކޭމްޕް ނިންމައި ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ރިޓަޔާރޑް ސީނިއާރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުއްޝުކޫރު ޢަބްދުﷲ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިޓަޔާރޑް ސީނިއާރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުއްޝުކޫރު ޢަބްދުﷲ ވިދާޅުވީ މިފަދަ ކޭމްޕްގެ ސަބަބުން ސްކޫލް ނިންމައިގެން ނިކުންނަށް ދަރިވަރުންގެ ލީޑަރޝިޕް ރަނގަޅުވާނެ ކަމަށެވެ. ހަމަ އެއާއެކު މިކޭމްޕްގެ ބައިވެރި ދަރިވަރުންނަކީ ރިވެތި އަޚްލާޤުގެ ލީޑަރުންތަކަށް ވުމަށް މަސައްކަތް ކުރާ ބަޔަކަށް ވުމަށް އެދިވަޑައިގެން ނަސޭހަތްތެރިވެވަޑައިގަތެވެ. މީގެ އިތުރުންވެސް މިފަދަ ކޭމްޕްތަކުން ލިބޭ މަޢުލޫމާތާ ތަޖުރިބާގެ އަލީގައި ދަރިވަރުންގެ ދިރިއުޅުން ހަރުދަނާކޮށް ދިރިއުޅުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ޢަބްދުއްޝުކޫރު ޢަބްދުﷲ ވަނީ ކޭމްޕްގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ނޮވެމްބަރު 21 ން އިއްޔެގެ ނިޔަލަށް ފުވައްމުލަކުގައި ހިންގި މި ކޭމްޕަކީ ފުވައްމުލަކު ސްކޫލުތަކުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުން ހިމެނޭގޮތަށް ހިންގި ކޭމްޕެކެވެ.

Blues-4-Youth-15-1

މި ކޭމްޕުގައި ފުވައްމުލަކުގެ އެކި ސްކޫލުތަކުން 43 ފިރިހެން ދަރިވަރުން 37 އަންހެން ދަރިވަރުން ހިމެނޭ ގޮތަށް ޖުމުލަ 80 ދަރިވަރަކު މި ކޭމްޕުގައި ބައިވެރިވެފައިވާއިރު މި ކޭމްޕް ކުރިޔަށް ގެންދިއުމުގައި ފުލުހުންނާ އާއި ޔޫތު މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ ފުވައްމުލަކުގެ އެކިއެކި އިދާރާތަކުން ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ވަރަށް ބޮޑު އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާފައި ވާކަމަށް ފުލުހުން ހާމަކުރެ އެވެ. އަދި މިކަމަށްޓަކައި ފުވައްމުލަކު ކޮމާންޑަރު ވަނީ އެފަރާތްތަކަށާ މުދައްރިބުންނަށް އަދި އެހީތެރިވެދެއްވި އެހެނިހެން ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

“ 10 ދުވަހުގެ މުއްދަތަށް ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިޔަށް ގެންދިޔަ މި ކޭމްޕަކީ ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް، ޒިންމާދާރު ބައެއްގެ ގޮތުގައި ފުރިހަމަ ތަރުބިއްޔަތާ އެކު ދެމި ތިބެ ޤައުމިއްޔަތަށް މަގު ދައްކައިދީ އަމިއްލަ ނަފްސަށް އިތުބާރުކޮށް ބާރުވެރި ބައެއްގޮތުގައިވުމަށް އެހީތެރިވެދޭނެ ގިނަ ޙަރަކާތްތަކެއް ހިމެނޭ ގޮތަށް ފުލުހުން ހިންގާ ކޭމްޕެއް، މިކޭމްޕުގެ ބައިވެރިންނަށް ރަނގަޅު އަޚްލާޤާއި ހަރުދަނާ އުޞޫލުތައް އުނގަންނައިދީ ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން އުގަންނައި ދެވިފައި ވޭ،  މިއާއެކު ކޮންމެ ކުއްޖަކީވެސް އަމިއްލައަށް ކުރާކަންކަމަށް ޒިންމާވާންޖެހޭނެ ކުއްޖެއްކަން ބުނެދީ، ޒިންމާދާރު ވުމަކީ ކޮބައި ކަމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ވުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މަޢުލޫމާތުދީ، އެފަދަ ކަންކަން ޢަމަލީގޮތުން ދަސްކޮށްދެވިފައި ވެއޭ،  މީގެ އިތުރުން ކަންކަމުގައި އިސްނަގައި، ޙަރަކާތްތެރިވުމަށް ބާރު އަޅައިދޭފަދަ ޙަރަކާތްތަކާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯލެނބުމަށް މިކޭމްޕުގެ ބައިވެރިންނަށް ދަސްކޮށްދެވިފައި ވޭ“ ފުލުހުން ހާމަކުރެ އެވެ.

މީގެއިތުރުން ދަރިވަރުންނަށް މުހިއްމު ބައެއް ޤާނޫނޫތައް ކަމުގައިވާ ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތައް ދަރިވަރުންނަށް އޮޅުންފިލުވައި ދެވުނު ކަމަށާއި ހަމައެހެންމެ ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ އެންމެ މުހިއްމު އެއް ދާއިރާ ކަމުގައިވާ ސައިބަ ކްރައިމް އަކީ ކޮބައިކަމާއި ސައިބަކްރައިމްގެ ވިކްޓިމްއަކަށް ނުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމާއި ހެޔޮ އަދި ދަރިވަރުންނަށް ރައްކާތެރި ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ ގޮތްތަކާބެހޭގޮތުންވެސް މިކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތު ދެވުނު ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މިކޭމްޕް ކުރިޔަށް ދިޔައިރު ދަރިވަރުންގެ ދުޅަހެޔޮކަމަށް ޚާއްޞަ އަހަޢްމިއްޔަތުކަމެއް ދިނުމުގެ ގޮތުން ކަސްރަތާ ފިޓްނަސް ޕްރޮގްރާމްތައް ގެންދެވި ފެތުމާ މޫދުގެ ކުޅިވަރުތަކާ ރެސްކިއުއާއި ސަވައިވަލް ސްވިމިންގ އާއި ލީޑަރޝިޕް އިތުރު ކުރުމާ ގުޅިގެން އެކުގައި މަސައްކަތް ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން އުގަންނައިދީ ކަންކަމުގައި އިސްނަގައި ޒިންމާދާރު ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން ބައްޓަން ކުރުމަށް ކުރެވޭނެ ގިނަ ކަންތައްތަކެއް މިކޭމްޕުގައި ބައިވެރިވި ބައިވެރިންނަށް ވަނީ ދަސްކޮށްދެވިފައި ވާކަމަށާއި ބްލޫޒް ފޮރ ޔޫތު 15 ވަނަ ކޭމްޕް ނިންމުމަށް ފުވައްމުލަކުގައި އިއްޔެ ހަވީރު އޮތް ޚާއްޞަ ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ދެކުނުގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު އާއި ފުވައްމުލަކު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޢަބްދުއްރަޙްމާނުގެ އިތުރުން ފުވައްމުލަކުގައި ހުރި އެކިއެކި މުއައްސަސާތަކުގެ ވެރިންނާ ކޭމްޕުގެ އިސް އޮފިސަރުންނާ މުދައްރިބުންނާ ކޭމްޕުގެ ބައިވެރިންނާ ބެލެނިވެރިން ބައިވެރިވެވަޑައިގަތް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *