އެމްޑިޕީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ”މިންޖުވާން“ މުޒާހަރާގައި ސަރުކާރަށް ހުށަހެޅި ޑިމާންޑްތަކާއި މެދު ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި ، ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން ޙައްލު ހޯއްދެވުމަކީ، އެކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ފާހަގަކޮށް، އެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ސަރުކާރުން ގޮވާލައިފި އެވެ.
މިކަމާއި ބެހޭ ގޮތުން ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމް.ޑީ.ޕީގެ މުޒާހަރާގައި ހުށަހަޅާފައިވާ މައިގަނޑު ކަމަކީ، ޖިނާޢީ ކުށުގެ ތުހުމަތުގައި އެމީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވާ ނުވަތަ ޙުކުމް ކުރެވިފައިވާ ބަޔަކު، ދޫކޮށްލުމުގެ ވާހަކަކަން ފާހަގަކޮށް، މިކަންކަމުގައި ސަރުކާރުގެ ދައުރެއްނެތް ކަން ފާހަގަކުރާ ކަމަށެވެ.
”މިއަހަރުގެ ޑިސެންބަރު މަހު ކޯޓުތައް ޗުއްޓީއަށް ނުދާނޭކަން ސުޕްރީމް ކޯޓުން އިޢުލާނުކުރައްވާފައިވާތީ، އެކަމަށް މަރުޙަބާކިޔައި، ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން ޙައްލު ހޯއްދެވުމަކީ، އެކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައި ފާހަގަކޮށް، އެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ގޮވާލަން“ ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭގޮތުން، ޖިނާޢީ ބޮޑެތި މައްސަލަތަކަކީ ސަރުކާރުން އެއާ ދެކޮޅަށް އަބަދުވެސް މަސައްކަތްކުރާނޭ ކަންކަން ކަމަށެވެ. ވުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ދުސްތޫރީ އަދި ޤާނޫނީ ގޮތުން މިނިވަންކުރެވިފައިވާ މުއައްސަސާއަކަށްވާކަން ފާހަގަކޮށް، އެފަދަ މައްސަލަތަކުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތަކަށް ދޭންޖެހޭ މާލީ، ޤާނޫނީ އަދި އެހެނިހެން އެހީތެރިކަން ސަރުކާރުން އަބަދުވެސް ފޯރުކޮށްދޭނޭކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤައުމުގައި އަމަން އަމާންކަމާއި، ޞުލްޙަ މަސަލަސްކަން ޤާއިމުކޮށް، ރައްޔިތުންނާއި ރައްޔިތުންގެ ގެދޮރާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ޤައުމުގެ ތަރައްޤީއަށާއި، ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ކުރަމުންގެންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއްނެތި، ކުރިޔަށް ގެންދާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން މި ފުރުޞަތުގައިވެސް ދިވެހި އެންމެ ރައްޔިތުންނަށް އަރުވާ ކަމަށާއި އަދި ޤާނޫނީ އިމުގެ ތެރެއިން ޤައުމުގެ މަޞްލަޙަތުކުރިޔަށް ނެރެގެން އިދިކޮޅު ފަރާތްތަކުން ބިނާކުރަނިވި ޚިޔާލުތަކަށް ސަރުކާރުން އަބަދުވެސް މަރުޙަބާކިޔާނޭ ކަމުގެ ޔަޤީންކަންވެސް އަރުވާ ކަމަށެވެ.