ޢާންމު ދިރިއުޅުމުގެ ހުނަރުތަކާއި އަދަބުތައް ދަސްކޮށްދީ ކުށުގެ ވެއްޓާ ދުރުހެލިވުމަށް މަގުދައްކައިދޭ ޙަރަކާތްތަކެއް ހިމެނޭގޮތަށް ޒުވާނުންނާއި ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ފުލުހުން ހިންގަމުންގެންދާ ބްލޫޒް ފޮރ ޔޫތު 16 ވަނަ ކޭމްޕް، ދ. ވާނީ ޕޮލިސް ޓްރޭނިންގ ސްކޫލު ގައި ފަށައިގެން ކުރިއަށް އެބަދެއެވެ.
ފުލުހުން ބުނީ މިނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ޕޮލިސް ޓްރޭނިންގ ސްކޫލުގައި ހިންގާ މި ކޭމްޕަކީ ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް، ޒިންމާދާރު ބައެއްގެ ގޮތުގައި ފުރިހަމަ ތަރުބިއްޔަތާ އެކު ދެމި ތިބެ ޤައުމިއްޔަތަށް މަގު ދައްކައިދީ އަމިއްލަ ނަފްސަށް އިތުބާރުކޮށް ބާރުވެރި ބައެއްގޮތުގައިވުމަށް އެހީތެރިވެދޭނެ ގިނަ ޙަރަކާތްތަކެއް ހިމެނޭ ގޮތަށް ފުލުހުން ހިންގާ ކޭމްޕެއް ކަމަށެވެ.
”މިކޭމްޕުގެ ބައިވެރިންނަށް ރަނގަޅު އަޚްލާޤާއި ހަރުދަނާ އުޞޫލުތައް އުނގަންނައިދީ ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން އުގަންނައި ދެވޭނެ، ކޮންމެ ކުއްޖަކީވެސް އަމިއްލައަށް ކުރާކަންކަމަށް ޒިންމާވާންޖެހޭނެ ކުއްޖެއްކަން ބުނެދީ، ޒިންމާދާރުވުމަކީ ކޮބާކަމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ވުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މަޢުލޫމާތުދީ، އެފަދަ ކަންކަން ޢަމަލީގޮތުން ދަސްކޮށްދެވޭނެ، މީގެ އިތުރުން ކަންކަމުގައި އިސްނަގައި، ޙަރަކާތްތެރިވުމަށް ބާރުއަޅައިދޭފަދަ ޙަރަކާތްތަކާއި، ޤައުމީ ލޯބި އިތުރު ކުރުމާއި ޤައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، ޤާނޫނާއި ޤަވާޢިދުތަކަށް ބޯލެނބުމަށް މިކޭމްޕުގެ ބައިވެރިންނަށް ދަސްކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައީ“ ފުލުހުން ހާމަކުރެ އެވެ.
މީގެއިތުރުން ދަރިވަރުންނަށް މުހިއްމު ބައެއް ޤާނޫނޫތައް ކަމުގައިވާ ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތައް ދަރިވަރުންނަށް އޮޅުންފިލުވައި ދެވޭނެ ކަމަށާއި ހަމައެހެންމެ ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ އެންމެ މުހިއްމު އެއް ދާއިރާ ކަމުގައިވާ ސައިބަ ކްރައިމް އަކީ ކޮބައިކަމާއި ސައިބަކްރައިމްގެ ވިކްޓިމްއަކަށް ނުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމާއި ހެޔޮ އަދި ދަރިވަރުންނަށް ރައްކާތެރި ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ ގޮތްތަކާބެހޭގޮތުންވެސް މިކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައި ވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ހާމަކުރާ ގޮތުގައި ތ. އަތޮޅުގެ ވިލިފުށި، މަޑިފުށި، ދިޔަމިގިލި، ގުރައިދޫގެ އިތުރުން ވޭމަންޑޫ އާއި ކިނބިދޫ، ހިރިލަންދޫ އަދި ވަންދޫގެ ސްކޫލުތަކުގެ 76 ދަރިވަރަކު މި ކޭމްޕުގައި ބައިވެރިވެފައި ވެއެވެ. މީގެތެރޭގައި ހިމެނެނީ 25 އަންހެން ދަރިވަރުންނާއި 51 ފިރިހެން ދަރިވަރުންނެވެ.
މި ކޭމްޕު ކުރިއަށް ގެންދިޔުމަށް ފުލުހުންނާ އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން ހޭންޑިންގ ހޭންޑް ޖަމްޢިއްޔާ އާއި ރަށްރަށުގެ އަދި އަތޮޅުތަކުގެ ކައުންސިލްތަކުން މިކޭމްޕް ބޭއްވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވާކަމަށާއި ބްލޫޒް ފޮރ ޔޫތު ކޭމްޕަކީ ޒުވާނުންނަށާއި ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުލުހުން ހިންގާ ކޭމްޕެއް ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.