އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި އިއްޔެ ކުޅުނު ދެ މެޗުވެސް އެއްވަރުވެގެން ނިމިއްޖެ އެވެ.
އިއްޔެ ހަވީރު ބީޖީ ސްޕޯޓްސްއާއި ރެލިގޭޓްވެފައިވާ މަހިބަދޫ ސްޕޯޓްސް ކްލަބު ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. އަދި ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ ކުޅުނު މެޗު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މަހިބަދޫއިންނެވެ. މެޗުގެ 30 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވަޑް ޑަ ސިލްވާ ބިނާ އެންޑެސަން އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބީޖީގެ އިބްރާހިމް ހަމްދާން ވަނީ ލަނޑެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މިމެޗުގެ 52 ވަނަ މިނެޓްގައި މަހިބަދޫގެ އެންޑަސަން އިތުރު ލަނޑެއް ކާމިޔާބުކޮށް، އަނެއްކާވެސް އެޓީމަށް ލީޑު ނަގައިދިނެވެ. މެޗުގެ 63 ވަނަ މިނެޓްގައި ބީޖީއަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ޑެނިއެލް ފިލެމޮން އެވެ.
ލީގުގައި ކުޅުނު 13 މެޗުން ލިބުނު 14 ޕޮއިންޓާއެކު ފަސްވަނައިގައި ވިކްޓަރީ އޮތްއިރު، 13 މެޗުން ލިބުނު 13 ޕޮއިންޓާއެކު ހަ ވަނައިގައި އޮތީ ބީޖީ އެވެ. 13 މެޗުން ލިބުނު 13 ޕޮއިންޓާއެކު ހަތް ވަނައިގައި ވެލެންސިއާ އޮތްއިރު، ލީގުގެ ފުލުގައި އޮތް މަހިބަދޫއަށް 13 މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.
ލީގުގައި މިއަދުވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް ބައްދަލުކުރާއިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.