މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ރަސްމީ ދަތުރުފުޅެއްގައި އެމްއެންޑީއެފް ސަދަން އޭރިއާއަށް މިރޭ ޒިޔާރަތްކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރ އެމްއެންޑީއެފް ސަދަން އޭރިއާއަށް މި ކުރައްވާ ދަތުރުފުޅުގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމާއި އެމްއެންޑީއެފް ސަދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރޒްއަށް އެމަނިކުފާނު ޒިޔާރަތްކުރެއްވުމުން އެމަނިކުފާނުގެ ޝަރަފުގައި ސަދަން އޭރިއާގެ ސިފައިން ވަނީ އޮނަރގާޑެއް އަރުވާފައި ވާކަމަށާއި އެމްއެންޑީއެފް ސަދަން އޭރިއާއަށް ޑިފެންސް މިނިސްޓަރ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެމްއެންޑީއެފް އޭރިއާތަކުގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްޓަކައި އޭރިއާތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށާއި ޑިފެންސް މިނިސްޓަރގެ މި ދަތުރުފުޅުގައި ސަދަން އޭރިއާ ހެޑްކްއޯޓަރޒްގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުކުރައްވާފައި ވާކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އެމްއެންޑީއެފް ސަދަން އޭރިއާއަށް ދެދުވަހަށް ކުރައްވާ ދަތުރުފުޅުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރުގެ އިތުރުން ކާނަލް ޢަބްދުލް މަތީން އަޙްމަދު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއެންޑިއެފުން ހާމަކުރެ އެވެ.