ބިގް ބީއަށް ހެޕަޓައިޓިސް ބީ ޖެހިފައިވާކަމަށް ބުނެފި

ބޮލީބުޑްގެ އެންމެ ގިނަ ބައެއްގެ ލޯތްބާއި އިޙުތިރާމު ލިބިފައިވާ އަމީތާބް ބައްޗަން ނުވަތަ ބިގްބީއަށް ހެޕަޓައިޓިސް ބީ ޖެހިފައިވާކަމަށް އޭނާ ބުނެފިއެވެ.

އޭނާމިކަން ހާމަކުރީ އިންޑިޔާގެ ހެލްތު މިނިސްޓްރީ އާއި ޔުނިސެފު ގުޅިގެން ކުރިއަށްގެންދާ، ހެޕަޓައިޓިސް ބީއަށް މީހުންގެ ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ އިސްތިހާރެއްގެ ތެރޭގައެވެ.

އޭނާ ހާމަކުރިގޮތުގައި އޭނާއަށް ހެޕަޓައިޓިސް ބީ ޖެހުނީ ފިލްމު ކޫލީގެ ޝޫޓިންގ ތެރޭގައި ލިބުނު އަނިޔާއަށް ފަރުވާދިނުމުގެ ތެރޭގައި އެޅުނު ލެއިން ކަމަށާއި އެބައްޔާ ހަނގުރާމަކުރާތާ މިހާރު ވިއްސަކަށް އަހަރުވެދާނެ ކަމަށެވެ.

އަމީތާބު އިތުރަށް ބުނީ އޭރު ލޭއަޅާ އިރު، ހެޕަޓައިޓިސް ބީއަށް ޓެސްޓު ނުވަތަ ސްކްރީން ނުކުރާ ކަމަށާއި އޭނާގެ ހަށިގަނޑަށް 200 ޑޯނަރުންގެ ހަށިގަނޑުން 60 ފުޅީގެ ލޭ އަޅާފައިވާ ކަމަށެވެ.

އަދި ހެޕަޓައިޓިސް ބީޖެހިފައިވާކަން އޭނާއަށް އެނގުނީ 18 އަހަރު ފަހުން ބޮޑީ ޗެކަޕެއް ހެދުމުން ކަމަށާއި ޑޮކްޓަރުން ބުނާގޮތުގައި އޭނާގެ ފުރަމޭގެ 75 އިންސައްތަ މިހާރު ވަނީ ހަލާކުވެފައިވާ ކަމަށްވެސް އަމީތާބު ބުނެއެވެ.

އަަމީތާބަކީ ހެޕަޓައިޓިސް ބީ އާއި ދެކޮޅަށް އިންޑިޔާ ސަރުކާރު ކުރިއަށް ގެންދާ ކެމްޕެއިންގެ އެމްބެސެޑަރެވެ. އޭނާގެ އާދޭހަކީ ކޮންމެ ބެލެނިވެރިޔަކުވެސް ކުދިން ތުއްތު އިރުގައި އަވަހަށް ހެޕަޓައިޓިސް ބީ އިން ސަލާމަތްކުރުމަށް ވެކްސިން ޖެހުމެެވެ.

އެންމެ ފަހުގެ ޑަބްލިއު.އެޗް.އޯ ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހެޕްޓައިޓިސް ބީ ގެ ސަބަބުން ދުނިޔޭން ކޮންމެ އަހަރަކު 1.4 މިލިއަން މީހުން މަރުވެއެވެ. އާބާދީބޮޑު އިންޑިޔާގައި ހެޕްޓައިޓިސް ބީ ޖެހިފައިވާ މީހުންގެ އަދަދު 40 މިލިއަނަށް އަރައެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *