ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް / ފައިލް
ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް / ފައިލް

ބީޖީ ބަލިކޮށް، ޓީސީ އެއްވަނައަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބު ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބީޖީ އަތުން ޓީސީ މޮޅުވެފައިވަނީ 4-1 ލަނޑުންނެވެ.

މިމެޗުގެ 41 ވަނަ މިނެޓްގައި ޓީސީއަށް ލީޑު ނަގައިދިނީ ނާއިޒް ހަސަން އެވެ. އޭނާ މިލަނޑު ކާމިޔާބުކޮށްފައިވަނީ ބީޖީގެ ކީޕަރު އިބްރާޙިމް އިފްރާހު އަރީފް ކަޓުވާލުމަށްފަހު އެވެ.ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.

މިމެޗުގެ 52 ވަނަ މިނެޓްގައި ޓީސީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، މެޗުގެ ލީޑު ފުޅާކޮށްފަ އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުން މިލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ ނާފިއު އެވެ.

މެޗުގެ 58 ވަނަ މިނެޓްގައި ޓީސީއިން ވަނީ ތިންލަނޑުގެ ލީޑެއް ހޯދައިފަ އެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ނާފިއު އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ނާފިއު އުފެއްދި ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

މެޗުގައި ބީޖީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 68 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބީޖީގެ ސްޕެއިން ފޯވަޑް ޑޭވިޑް އެވެ.މެޗުގައި ޓީސީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފްގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. މިލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އަލީ ހާފިޒް އެވެ.

މި ނަތީޖާއާއެކު ލީގުގެ ކުރީގައި ޓީސީ އޮތީ ކުޅުނު 12 މެޗުން ލިބުނު27 ޕޮއިންޓާއެކު އެވެ. ލީގުގެ ދެވަނައިގައި އޮތް ނިއުއަށް ކުޅުނު 11 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *