އަތޮޅުތެރޭގެ ސިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެދަށުން 2 އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.
މިގޮތުން ސޮއި ކުރެވުނީ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމާއި ޕްރިންޓަރު ހޯދުމުގެ އެއްބަސްވުމާއި 3 ރަށެއްގެ ސިއްޙީ މަރުކަޒުގެ މަރާމާތު ކުރުމުގެ އެއްބަސްވުމުގައެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި 384 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ސޮއިކުރީ ކްލިކް ކޮމްޕިއުޓަރސް އާއެވެ. އަދި 393 ޕްރިންޓަރ ގަތުމަށް ސޮއިކުރީ ކޮޕިއަރ ޕްލަސް އާއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އިރްތިޝާމް އާދަމު ވިދާޅުވީ 5 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢަކީ ރަށްރަށުގައި އާސަންދައިގެ ޚިދުމަތާއިި މެޑިކަލް ރިކޯޑު ބެލެއްޓުމުގެ މަސައްކަތް ކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރާނެ ޕްރޮޖެކްޓެއް ކަމަށެވެ.
އަދި މި ސިސްޓަމްތަކުގެ ސަބަބުން މިހާރު ރަށްރަށުގައި ދެމުން އަންނަ ސިއްހީ ޚިދުމަތް އިތުރަށް ހަރުދަނާވެ، އާއިލީ ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް މަގުފަހިވާނެ ކަމަށްވެސް ހެލްތު މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވިއެވެ.
ސިއްޙީ މަރުކަޒުތައް މަރާމާތު ކުރުމުެ އެއްބަސްވުމުގެދަށުން މިއަދު ސޮއިކުރެވުނު އއ. ރަސްދޫ އާއި ބ. ގޮއިދޫ އާއި ލ. ހިތަދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް 1.1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
މިއަދު ސޮއި ކުރެވިގެންދިޔަ 2 މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 5.9 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.