ފަހު 5 މިނެޓުގެ ތެރޭގައި ޖެހި ދެގޯލާއެކު ސާޖިއޯ އަގުއޭރޯ ހެޓްރިކް ފުރިހަމަކޮށް މެންޗެސްޓާ ސިޓީއިން ބެޔާން މިޔުނިކް 3-2 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.
މެންޗެސްޓާ ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު ގްރޫޕް އީ ގެ މިމެޗުން މޮޅުވުމުން ސިޓީއަށް ވަނީ މުބާރާތުގެ ގަދަ 16އަށް ދިޔުމަށް ފުރުސަތު ފަހިވެފައެވެ. ނަމަވެސް ސިޓީއަށް ދެވަނަބުރަށް ދެވެން އޮތީ އިޓަލީގެ ރޯމާގެ ދަނޑުގައި ކުޅޭ މެޗުން އެޓީމުގެ މައްޗަށް ކުރިހޯދައިގެންނެވެ.
ރޯމާއާއި ސީއެސްކޭއޭ މޮސްކޯ ރޭ ކުޅުނު މެޗުން އެއްވަރު ވުމުގެ ސަބަބުން ބެޔާން މިޔުނިކް ފިޔަވާ ގްރޫޕްގައި ހިމެނޭ 3 ޓީމުވެސް އޮތީ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފައެވެ. މިގޮތުން ކޮންމެ ޓީމަކަށް 5 ޕޮއިންޓު ލިބިފައި ވާއިރު ބެޔާން ވަނީ ގްރޫޕްގެ 1 ވަނަ މަގާމާއި އެކު ދެވަނަބުރަށް ދަތުރުކޮށްފައެވެ.
ސިޓީއާއި ބެޔާން ރޭ ކުޅުނު މެޗުގައި ފުރަތަމަ ފަހަރަށް ގޯލަޖަހާ ކުރި ހޯދީ ސިޓީއިންނެވެ. އެއީ ބެޔާންގެ ބެނާޝިޔާ ކުރި ފައުލެއްގެ ސަބަބުން ލިބުނު ޕެނަލްޓީއަކުންނެވެ. މި ފައުލްގެ ސަބަބުން ބެނާޝީޔާއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ.
މެޗުގެ ބާކީއޮތް 70 މިނެޓް 10 ކުޅުންތެރިންނާއެކު ކުޅުނު ނަމަވެސް ބެޔާންއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ސިޓީގެ ގޯލައަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ފުރަތަމަ ހާފު ނިމެން ދަނިކޮށް އެލޯންސޯ އާއި ލެވަންޑޯސްކީ ކާމިޔާބު ކޮށްދިން 2 ގޯލައިން ބެޔާން ވަނީ ކުރި ހޯދާފައެވެ.
ސިޓީއަށް މެޗު ކާމިޔާބު ކުރެވިފައިވަނީ ފަހުވަގުތު އަގުއޭރޯ ކާމިޔާބު ކޮށްދިން 2 ގޯލާއެކުއެވެ. މީގެ ތެރެއިން ފަހު ގޯލަ ކާމިޔާބު ކޮށްފައިވަނީ އިތުރު ވަގުތުގެ ތެރޭގައެވެ.
ގްރޫޕް އީގެ ހުރިހާ ޓީމަކަށްވެސް ދެވަނަބުރަށް ދިޔުމުގެ ފުރުސަތު އޮތްއިރު މި ގްރޫޕުގެ ފަހު މެޗުތައް އޮންނާނީ ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭއެވެ.